ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވާން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މަދުވާން ފަށައިފަ އެވެ. އަދި ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 3،519 އަށް ދަށްވެފަ އެވެ. މިދިޔަ މަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،945 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައީ 903،775 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 821،248 ޓޫރިސްޓުން އަޅާބަލާއިރު 10 ޕަސެންޓް އިތުރު އަދަދެކެވެ. އެކަމަކު އޭޕްރިލް މަހާ އަޅާ ބަލާއިރު މެއި މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ވަކިވަކި މަސްމަހު ޓޫރިސްޓުން އައި މިންވަރު:

  • ޖެނުއަރީ – 192،385 ޓޫރިސްޓުން
  • ފެބްރުއަރީ – 217،392 ޓޫރިސްޓުން
  • މާޗް – 194،227 ޓޫރިސްޓުން
  • އޭޕްރީލް – 168،366 ޓޫރިސްޓުން
  • މޭ – 119،875 ޓޫރިސްޓުން
  • ޖޫން މަހުގެ 3 ވަނަ ދުވަހާ ހަމައަށް – 11،530 ޓޫރިސްޓުން

އެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެގައުމުން މި އަހަރުގެ މިހާތަނަށް ވަނީ ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތައް:

  • ޗައިނާ – 102،075 ޓޫރިސްޓުން
  • ރަޝިއާ – 91،618 ޓޫރިސްޓުން
  • އިނގިރޭސިވިލާތް – 85،840 ޓޫރިސްޓުން
  • އިޓަލީ – 75،648 ޓޫރިސްޓުން
  • ޖަރުމަން – 73،059 ޓޫރިސްޓުން

ރާއްޖެއިން މިއަހަރު އަމާޒު ހިފާފައި ވަނީ ދެ މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ހާސިލްކުރަން ކަނޑައެޅި އަމާޒުގެ 25 ޕަސެންޓް ހާސިލްވެފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ރާއްޖޭގައި މިހާރު 176 ރިސޯޓެއް ހިންގަމުންދާ އިރު، 15 ހޮޓަލާއި 855 ގެސްޓްހައުސްއަކާއި 149 ސަފާރީއެއް ހިންގަ އެވެ.