ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ކުރީގެ ރަންވޭ އަލުން މަރާމާތުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ އެވެ.

މިހާރު ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ 'ޓެކްސީވޭ ޗާލީ' އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީއާ ހަވާލުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އެމްއޭސީއެލް އިން ބުނީ އެ މަސައްކަތް ނިންމީ ޝެޑިއުލްއަށް ވުރެ 84 ދުވަސް ކުރިން ކަމަށެވެ. ނަމަވެސް އެކަމަށް ހަރަދުވި ފައިސާގެ ތަފްސީލެއް އެ ކުންފުނިން ހާމައެއްނުކުރެ އެވެ.

3،200 މީޓަރު ދިގު ޓެކްސީވޭ ޗާލީ ތަރައްގީކުރީ 1976 ވަނަ އަހަރު އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންމެ ފުރަތަމަ ރަންވޭ އެވެ.

މި ރަންވޭއަށް ވައިޑްބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް 1981 ވަނަ އަހަރު ތަރައްގީކޮށްފައިވެ އެވެ. އެއަށް ފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށްފައިވެ އެވެ.