މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށް ކުރުމާ ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާބެހޭ މައުލޫމާތު، ދޭދޭ ޤައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވާކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ "އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް" (އެގްމޮންޓް ގްރޫޕް)ގެ މެންބަރުކަން ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިއްޖެ އެވެ.

ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެގްމޮންޓުގެ މެންބަރެއްގެ ގޮތުގައި ހަމަޖެހުނީ މިމަހުގެ 2 އިން ފެށިގެން ކުރިއަށްދާ އެގްމޮންޓް ގުރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި ފްރާންސްގެ ޕެރިހުގަ އެވެ.

މަރުކަޒީ ބޭންކުން ބުނިގޮތުގައި އެގްމޮންޓް ގުރޫޕްގެ މެންބަރަކަށް ވުމަށް އެފްއައިޔޫ އިން އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 2017 ވަނަ އަހަރު އެވެ. އަދި މިކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައި ވަނީ ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މަރުކަޒީ ބޭންކުން ބުނީ އެގްމޮންޓް ގްރޫޕުގެ މެންބަރަކަށް ވުމުން، އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން، ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިއްމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭނެ ކަމަށެވެ. އަދި އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުމަކީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެމްއެމްއޭއިން އަދި ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މުހިއްމު މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެގްމޮންޓްގެ މެންބަރުކަން ހޯދުމުގެ މަސައްކަތްތަކުގައި އެހީތެރިވެދެއްވި ދިވެހިރާއްޖޭގެ އިދާރާތަކަށާއި ބައިނަލްއަގުވާމީ ޖަމާޢަތްތަކަށް އެމްއެމްއޭ އިން ޝުކުރު އަދާކުރެ އެވެ.