ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ފަޔާ ސްޓޭޝަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުޅުއްވައިދެއްވައިފި އެވެ. މި ކަމަށްޓަކައި އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އަދި ދައުލަތުގެ އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތު ފެށުނީ، އެމްއޭސީއެލްގެ ކުރީގެ ފަޔާ ޗީފް އަލް މަރުހޫމް އަހުމަދު ފަޔާޒުގެ ހަނދާނުގައި ގެނެވުނު ހާއްސަ ސުކޫތަކަށް ފަހުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ވީއައިއޭގެ ފަޔާ ފައިޓަރުން ކުރާ ގައުމީ ހިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ފަޔާ ފައިޓަރުންނަށް ބޭނުންވާ ތަރައްގީއާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.

ވީއައިއޭގެ އާ ފަޔާ ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފްގެ ވާހަކަފުޅުގައި ވީއައިއޭގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ދޭ ހާއްސަ ސަމާލުކަމާއި ދުރު ވިސްނުންފުޅު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު ދެންނެވި އެވެ.

ޝަރީފްގެ ވާހަކަފުޅުގައި ފަޔާ ފައިޓަރުންގެ ޓީމްގެ ގާބިލްކަމާއި އަލަށް ހުޅުވުނު ފަޔާ ސްޓޭޝަނާއެކު ހާދިސާތަކަށް ރެސްޕޮންޑް ކުރެވޭ ވަގުތާއި ފެންވަރު ރަނގަޅުވެގެންދާނެކަން ފާހަގަ ކުރެއްވި އެވެ. އަދި ވީއައިއޭ އަކީ މިސަރަހައްދުގައިވެސް އަންހެން ފަޔާ ފައިޓަރުން ހިދުމަތާ ގުޅުނު ފުރަތަމަ އެއާޕޯޓްކަން ފާގަކުރައްވައި އެބޭފުޅުންނަށް މަރުހަބާއާއި ޝުކުރު ދެންނެވި އެވެ.

ވީއައިއޭގެ އާ ފަޔާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމްއޭސީއެލުން މަސައްކަތް ކުރަމުންދަނީ ވީއައިއޭ އަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އިންޑަސްޓްރީ - ޓުއަރިޒަމް އިންޑަސްޓްރީއާއި ފައިހަމަ ކުރެވޭ ފެންވަރުގެ ހިދުމަތެއްދޭ ތަނަކަށް ހެދުމަށެވެ. އަދި އާ ފެސިލިޓީ ތަކާއެކު މިކަން ހާސިލު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްތައް ހިންގަވާ ކޮންޓްރެކްޓަރުންނާއި އެއާޕޯޓްގައި ޚިދުމަތްދޭ ވިޔަފާރީގެ ބައިވެރިންނަށް ޝުކުރުއަދާކުރެއްވި އެވެ.

މިއަދު ހުޅުވި އާ ފަޔާ ސްޓޭޝަނުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތަކެވެ. މި ސްޓޭޝަނަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ އެއާޕޯޓް ފަޔާ ރެސްކިއުގެ ކެޓަގަރީ 9 ގެ އެއާޕޯޓު ޝަރުތުތައް ފުރިހަމަވެފައިވާ އަދި އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތް ހުޅުވި ސްޓޭޝަނެކެވެ. 2230 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ފެސިލިޓީއަކީ ރަންވޭ، އިރުމަތީ އޭޕްރަން، ވޯޓާ އޭރޯޑްރޯމްގެ މައި ރެސްޕޮންޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ފެސިލިޓީއެކެވެ.

ވީއައިއޭގެ އާ ފަޔާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

އާ ފަޔާ ސްޓޭޝަންގައި މުވައްޒަފުންނާއި، ތަމްރީންތަކަށް އަދި ކޮންޓްރޯލް ސެންޓަރު ހިމެނޭހެން ދެ ފަންގިފިލާގެ އިމާރާތެއް ވަނީ ގާއިމު ކޮށްފަ އެވެ.

އައު ފަޔަރ ސްޓޭޝަން ހުޅުވައި ޚިދުމަތްދޭން ފެށިނަމަވެސް، ކުރީގައި ބޭނުންކުރާ ފަޔާ ސްޓޭޝަންގެ ހިދުމަތްވެސް ދެމުން ދާނެ އެވެ. އެގޮތުން ޓެކްސީވޭ އަދި ހުޅަނގުފަރާތު އޭޕްރަން، އަދި އޮފީސް އިމާރާތްތަކުގެ އިމަޖެންސީގައި ހަރަކާތްތެރިވާނީ ކުރީގެ ފަޔާ ސަޓޭޝަނުންނެވެ. ވީއައިއޭ ބޮޑުކޮށް ހިދުމަތް ރަނގަޅު ކުރުމަށް މިހާރު ކުރިއަށްދާ މަޝްރުއުގެ ދަށުން މިހާތަނަށް އައު ކޯޑް-އެފް ރަންވޭ އަކާއި، އައު ސީޕްލޭން ޓާމިނަލަކާއި، އާ ކާގޯ ޓާމިނަލަކާއި، އައު ވީއައިޕީ / ސީއައިޕީ ޓާމިނަލަކާއި، އާ ފިޔުލް ފާމެއްގެ ހިދުމަތްތައް ވަނީ ތައާރަފް ކުރެވިފަ އެވެ. މިއަދު ހުޅުވި އާ ފަޔާ ސްޓޭޝަނަކީ މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ހިދުމަތްދޭން ފެށި ތަނެވެ. އަދި އެމްއޭސީއެލް އިން މިހާރު މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ނިޔަލަށް އާ ޓާމިނަލްގެ ބައެއް ހިދުމަތްތައް ފަށައިގަތުމަށެވެ.