ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް މިއަދު ފަށާނެ އެވެ. އެއާ ސާވިސް ވޯލްޑް ކޮންގްރެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ބުރާސްފަތި ނިޔަލަށް ކުރުނބާ މޯލްޑިވްސްގަ އެވެ.

ޖުމްލަ 27 އެއާލައިން އަދި 17 އެއާޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށް ވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިވެންޓް އޮގަނައިޒް ކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އެކި ހަރަކާތްތައް ތިން ރިސޯޓެއްގަައި ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ކޮންގްރެސްއަށް ވަޑައިގެންނަވާ މަންދޫބުންނަށް މަރުހަބާ ކިޔުމަށް ބާއްވާ ޚާއްސަ އިވެންޓް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި މިއަދު ހަވީރު ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެ އެެވެ. މީގެ އިތުރުން ނެޓްވޯކިންގެ ޚާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެ އެވެ. އަދި ގޮންގްރެސްގެ ރަސްމީ ބައިތައް އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައި އެމްއޭސީއެލް އިން ބުނެ އެވެ

މި އިވެންޓްގައި ބައިވެރިވާ މަންދޫބުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގެ ޓުއާއެއް މިއަދު ހެދުނު ވަނީ ދީފަ އެެވެ. އަދި މި ކޮންގްރެސްގެ ސީޕްލޭން ޕާޓްނަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ސީޕްލޭން ޓުއާއެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ހަރަކާތުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކޮންގްރެސްގެ ބައިވެރިންނަށް ދީފައިވާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާއެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ އެވެ. އަދިި މިއާއެކު މިދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

"ރާއްޖޭގެ ވައިގެ ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅި ލާމެހިގެން ކުރިއަށްދާ ސިނާއަތަކަށް ވުމާއެކު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ކޮންގްރެސްގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެން ދާނެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ޚާއްސަ ސްޓޯލްއެއް ވަނީ ތައްޔާރުކޮށްފައި،" އެ ކުންފުނިން ބުނެ އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައި ވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.

މި ކޮންގްރެސްއާއެކު، މިހާރު ތަރައްގީވަމުން އަންނަ ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.