ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އުމްރާނީގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ ދަނޑިވަޅެއްގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ އެއާޕޯޓުގެ ތަރައްގީއަށާއި، ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ މުހިއްމު ފުރުސަތެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގައި ބައިވެރިވަޑައިގަންނަވާ މަންދޫބުންނަށް މަރުހަބާ ދެންނެވުމަށް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތަރައްގީގެ ކުރިއެރުން އަންނަ މިފަދަ ދަނޑިވަޅެއްގައި މި ކޮންގްރެސް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ކުރިއަށްގެންދިއުމަށް އާ ފުރުސަތުތަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އުފެދިގެންދާ ގުޅުންތަކުގެ ސަބަަބުން، ވިޔާފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ މިއޮތީ އިގްތިސާދު އާ ހަރުފަތަކަށް ގެންދިއުމުގެ މަގުމަތީގަައި. ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާ އާއި އެއް ހަމައެއްގައި ހިދުމަތް ދެވޭތަނަކަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހެދުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ޝަރީފް ވިދާޅުވި އެވެ.

މިފަދަ ދަނޑިވަޅެއްގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަދަ ބައިނަލް އަގުވާމީ ބޮޑު އިންވެންޓެއް ބޭއްވުމުގެ މުހިއްމުކަން ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތާއި ގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. އަދި މިފަދަ ކޮންގްރެސްތަކުގައި ކުރާ މަޝްވަރާތަކަކީ ރާއްޖޭގެ އިގްތިސާދު ތަރައްގީކޮށް، ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއާއެކު އެއާ ސާވިސް ވޯލްޑް ކޮންގްރެސްއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ފުރިހަމަ އަށް ހިފުމަށް ބައިވެރިންނަށް ގޮވާލެއްވެވި އެވެ.

މިރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އާއި މި ސިނާއަތުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަހަރުގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބާއްވާއިރު، ޖުމްލަ 27 އެއާލައިން އަދި 17 އެއާޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށް ވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.

އެމްއޭސީއެލް އިން ބުނީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާއެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާ ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ. މިއާއެކު މިދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.