ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް ފޮނުއްވުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި ނެރުއްވާފައިވާ ސާކިއުލާއެއްގައި ވަނީ 2025 އިން 2027 ވަނަ އަހަރަށް ލަފާކުރާ ކައުންސިލްތަކުގެ މެދުރާސްތާ ބަޖެޓުގެ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ހަތަރު ވަނަ ބާބުގެ ދަށުން، މާލީ ވުޒާރާއިން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ.

ފިނޭންސް މިނިސްޓަރީން ބުނީ ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާ ބަޖެޓު ތައްޔާރުކޮށް ހުށަހަޅަންޖެހޭ ކަމަށެވެ.

ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރާއިރު ފަންޑުތަކުގެ އާމްދަނީއާއި ހަރަދު ވަކިން އެނގެން އޮންނަންވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ އާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީ އާއި ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އަދި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ އެނގެން އޮންނަންވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މި އަދަދުތައް އަންނަ އަހަރުގެ މެދުރާސްޓާ ބަޖެޓުގައި މުރާޖައާކުރެވޭނެ އެވެ. ކައުންސިލްތަކުން ބަޖެޓު ފައިނަލް ކުރާނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުގެ މަތިން އަންނަ އަހަރުގެ މެދުރާސްތާގެ ބަޖެޓު ފާސްކުރުމުން، އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށްގެންނެވެ.

ކައުންސިލްތަކުގެ މެދުރާސްތާ ބަޖެޓު ސެޕްޓެމްބަރު 19ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އަންގަވާފަ އެވެ.