މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އިތުރު ދެ ޗެކްޕޯސްޓް ހަދައިފި އެވެ.

މި ދެ ޗެކްޕޯސްޓް ހެދީ ވީއައިއޭގެ ހުޅަނގާއި އިރުމަތީ ފަރާތުގަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި ދެ ޗެކް ޕޯސްޓާއެކު އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި މިއީ މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޗެކް ޕޯސްޓްތައް ހުޅުވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވީ ޒަމާނީ ފެންވަރަށް ގާއިމުކުރި މިޗެކް ޕޯސްޓްތަކުން އެއާ ސައިޑަށް އަންނަ މީހުންނާއި ވަންނަ ހުރިހާ އުޅަނދު ފަހަރު އޭވިއޭޝަން ސެކިއުރިޓީން ވަރަށް ރަނގަޅަށް ބަލާނެ ކަމަށެވެ. އަދި މި ދެ ޗެކް ޕޯސްޓުގެ ސަބަބުން ކަސްޓަމްސްއަށް ނުގަވާއިދުން މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް ފުރުސަތު ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗެކް ޕޯސްޓްތައް ހުޅުވުމަށްފަހު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއް ދެއްވަނީ. ފޮޓޯ: އެމްއޭސީއެލް

"އެއާ ސައިޑުން ލޭންޑް ސައިޑުން ނިކުންނަ މީހުން ވަރަށް ރަނގަޅަށް ޗެކްކުރެވި، ސްކޭންކޮށް، ކަސްޓަމްސްއިން ބައްލަވާނެ ވަރަކަށް ބައްލަވާ މިކަން ކުރުމުގެ ފުރުސަތު ފަހިވެގެންދިޔައީ،" ޝަރީފު ވިދާޅުވި އެވެ.

އެއާސައިޑަށް ވަންނަން ހުންނަ ޗެކްޕޯސްޓްތައް އިތުރު ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއާޕޯޓުގެ އެއާސައިޑުގައި ކުރާ މަސައްކަތްތަކަށް ދަތިނުވާ ވަރަށް ތަންތަން ހުންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވިސްނުނު ގޮތުން ވެހިކަލާއި މީހުން ޗެކް ކުރުމަށް ދެ ތަނުގައި ދެ ޗެކްޕޯސްޓް ހުރުމުން މިހާރު މިއޮތް ދަތި ވަރަށް ބޮޑަށް ފިލައިގެންދާނެ. ޗެކް ޕޯސްޓްތައް ގާއިމުކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޑުއަލް މެޝިންތައް. ނުގަވާއިދުން އެތެރެކުރާ ތަކެތި ޑިޓެކްޓް ކުރާނެ މި މެޝިންތަކުން،" ޝަރީފު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހެދި ދެ ޗެކްޕޯސްޓެއް. ފޮޓޯ: އެމްއޭސީއެލް

އޭނާ ވިދާޅުވީ އެއަސައިޑުގައި ވަރަށް އަވަހަށް ލަގެޖް ބަލަހައްޓާ މެޝިނެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރަށް ސްކޭން ކުރެވި ފޮށިތައް ބަލެމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.