ރާއްޖޭގައި 172 އަށް ވުރެ ގިނަ ލަގްޒަރީ ރިސޯޓް ހިމެނޭއިރު، އެޓޯލް އެސްޓޭޓްސް އިން އަންނަނީ ދެކުނު އޭޝިއާގެ އެންމެ މަގުބޫލު މަންޒިލަށް ތަފާތު ޕްރޮޖެކްޓެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ އަމިތު މަޖުމްދަރު އާއި ޑިމިޓްރީ ބޯޓޯވް ގުޅިގެން އުފައްދާފައިވާ ޔޫއޭއީގެ ކުންފުނިން ވަނީ މީގެ ކުރިން ރާއްޖޭގައި ނެތް ބައެއް ވަސީލަތްތަކާއެކު ތަފާތު އާ މަންޒިލެއް ފަރުމާކޮށްފަ އެވެ.

މާލެ އަތޮޅު ދެކުނުބުރީގެ 500 ހެކްޓަރުގެ ފަޅެއް ހިމެނޭ ގޮތަށް "ޒަމާނީ އައިލެންޑްސް" ނަމުގައި ތަރައްގީކުރާ ޕްރޮޖެކްޓްގައި އަށް ރަށަކާއި، ވަކިވަކި ތިން ރިސޯޓަކާއި، އަމިއްލަ ތަންތަނުގެ ކަލެކްޝަނަކާއެކު ގިނަ އަދަދެއްގެ ވަސީލަތްތަކެއް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ފުރަތަމަ ސުޕަޔޮޓް މެރީނާ އާއި ރާއްޖޭގެ ފުރަތަމަ މެޑިކަލް ސްޕާ ވެސް ހުންނާނެ ކަމަށް އެޓޯލް އެސްޓޭޓްސް އިން ބުނެ އެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޒަމާނީ އައިލެންޑްސް ވެގެންދާނީ 100 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން މި ސަރަހައްދުގައި ހިންގާ ފުރަތަމަ ރިސޯޓަށްވުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަޖުމްދާރާއި ބޯޓޯވް ނެރުނު ބަޔާނެއްގައި ބުނީ ހަގީގަތުގައި ވެސް ދެމެހެއްޓެނިވި ގޮތެއްގައި ރިސޯޓެއް އުފެއްދުމަކީ ފެށުނީއްސުރެ ވިސްނުން ކަމަށާއި އެއީ ރައްޔިތުންނަށާއި ތަނަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށެވެ.

"މި އޮނިގަނޑުގެ ތެރެއިން ޒަމާނީ އައިލެންޑްސް އިން ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ލައިފްސްޓައިލް ޑެސްޓިނޭޝަންތަކަށް އާ އިންގިލާބީ ބަދަލުތަކެއް ގެނުވާނެ،" އެ ބަޔާނުގައިވެ އެވެ.

ދުބާއީގެ އާކިޓެކްޗަރަލް ފާމެއް ކަމަށްވާ ކިލާ ޑިޒައިންއާ ގުޅިގެން ފަރުމާކޮށްފައިވާ މި ތިން ރިސޯޓުން ކޮންމެ ރިސޯޓަކުން ވެސް ގެސްޓުންނަށް ތަފާތު ތަޖުރިބާތަކެއް ކޮށްދެ އެވެ. މި ރިސޯޓް ތަކުގައި އެޕާޓްމަންޓުތަކުން ފެށިގެން އޯވާވޯޓާ ވިލާއާ ހަމައަށް ރޫމްތައް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ވިއްސަކަށް މޭލު ދުރުގައި އޮންނަ ޒަމާނީ އައިލެންޑްސްގައި ޕްރައިވެޓް އެސްޓޭޓާއި މެންޝަންތައް ވެސް ހިމެނެ އެވެ.

އެޓޯލް އެސްޓޭޓުން ބުނަނީ 14 ގެއެއް މިހާރު ވެސް އޮފް ޕްލޭންގައި ގަންނަން ލިބެން ހުންނާނެ ކަމަށެވެ. ޔުކްރެއިންގެ ސްޓޫޑިއޯ ޔޯޑެޒީންއާ ގުޅިގެން ހަދާފައިވާ ބީޗްފްރަންޓް އެބިޑްސްގައި ހަތަރު އަދި އަށް ކޮޓަރި އާއި ސްލީކް، ކޮންޓެމްޕަރަރީ ޑެކާ އަދި އެންމެ ރީތި ގުދުރަތީ ވަސީލަތްތައް ހިމެނެ އެވެ. މީގެ އިތުރުން އެކި ލެވެލްތަކުގެ ގިނަ ޕްރައިވެޓް ޕޫލްތަކާއި ސިނަމާއަކާއި ސްޕާއަކާއި ވެލްނެސް އޭރިއާއަކާއި ޖިމްގެ ހިދުމަތް ވެސް ލިބެން ހުނާނެކަމަށް އެޓޯލްސް އެސްޓޭޓުން ބުނެ އެވެ. މީގެ އިތުރުން ކޮންމެ ރެސިޑެންސެއްގައި ޕާސަނަލް ބަޓްލާގެ ހިދުމަތާއި މެރީނާގައި ޔޮޓްތަކަށް ހާއްސަ ބާތު ވެސް ހިމެނެ އެވެ.

މީގެ އިތުރުން ޔޮޓް ކްލަބަކާއި ތިން ސްޕާއަކާއި ކޮންވެންޝަން ސެންޓަރަކާއެކު 26 ރެސްޓޯރަންޓާއި ބާ ހިމެނޭ ގޮތަށް ރިސޯޓުގައި ފުރިހަމަ ވަސީލަތްތައް ލިބެން ހުންނާނެ އެވެ. އެންމެ ހާއްސަ އެއްތަނަކީ ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓެވެ.

ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކާއެކު ދެމެހެއްޓެނިވި ގޮތަށް ފަރުމާކުރަމުން އަންނަ މި ރިސޯޓަކީ ސަތޭކަ އިންސައްތަ އިއާދަކުރަނިވި ހަކަތައިން ހިންގޭ ގޮތަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓެކެވެ. މީގެ އިތުރުން އެޓޯލް އެސްޓޭޓުން ވަނީ ތިމާވެއްޓާ ރައްޓެހި ކޮންސްޓްރަކްޝަން މެޓީރިއަލްތައް ބޭނުން ކުރުމާއި މުރަކަ ތަކަށް ގެއްލުން ނުވާނެގޮތަށް ރައްކާތެރިގޮތުގައި އެހެން ތަނަކަށް ބަދަލުކޮށް ޕްރޮޕަގޭޝަން ޕްރޮގްރާމެއް ވެސް ހިންގައިފަ އެވެ.

ޒަމާނީ އައިލެންޑްސްގެ ފުރަތަމަ ބައި ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު އެވެ.