ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން ހުއްޓާލާފައި އޮތް ފ. މަގޫދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އެ މަސައްކަތް އަލުން ފެށިގެން ބާރަށް ކުރިއަށްދާ ކަމަށެވެ.

މަގޫދޫ އެއާޕޯޓް މަޝްރޫ ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެރަށުގައި އެއާޕޯޓެއް އެޅުމަކީ އެމްޑީޕީގެ ވައުދެކެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު، އެ އެއާޕޯޓްގެ 60 ޕަސެންޓަށްވުރެ ގިނަ މަސައްކަތް ވަނީ ނިމިފަ އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން އެ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައި އޮތުމުން އެރަށު ރައްޔިތުން މީގެކުރިން ވަނީ އެކަމާ ދެކޮޅަށް އިޖްތިޖާޖު ވެސް ކޮށްފަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަގުދޫ އެއާޕޯޓް މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 232 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް ނިމި މި އަހަރުގެ ތެރޭގައި އެއާޕޯޓް ހުޅުވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މަގޫދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އެރަށާ ކައިރީ އޮންނަ އެއަތޮޅު ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން މި ސަރުކާރުން ވަނީ ނިންމާފަ އެވެ.