މުޅި ދުނިޔެއަށް ދިމާވެގެން އުޅޭ އައިޓީ މައްސަލައިގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ހިދުމަތްތައް ވެސް ލަސްވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނެފި އެވެ.

އައިޓީ ސިސްޓަމްތައް ހުއްޓި ދުނިޔޭގެ ބޮޑެތި ބޭންކުތަކާއި މީޑިއާތަކާއި އެއާލައިންތައް ހިމެނޭ ގޮތަށް ދުނިޔޭގެ އެކި މުއައްސަސާތަކުގެ ހިދުމަތަށް ބުރޫއަރައިފި އެވެ.

އެމްއޭސީއެލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުޅި ދުނިޔޭގެ ވެސް އެއާލައިން އައިޓީ ސިސްޓަމަށް ބުރޫއަރާފައިވާ ކަމަށެވެ. އެ ކަމުގެ ސަބަބުން ދަތުރުކުރާ ފަރާތްތަކުން ޗެކިން ވުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އެއާލައިންތަކަކުން ފްލައިޓްތައް ގްރައުންޑް ކޮށްފައިވާއިރު، ބައެއް އެއާލައިންތަކުގެ ފްލައިޓްތައް ދަނީ ޑިލޭވަމުންނެވެ.

ސިސްޓަމްތަކަށް މައްސަލަ ދިމާވި ސަބަބެއް ނޭނގުނު ނަމަވެސް މިއީ މައިކްރޯސޮފްޓް ވިންޑޯސްއާ ގުޅިފައިވާ މައްސަލައެއް ކަމަށް ވަނީ މިހާރު ދެނެގަނެވިފަ އެވެ. އަދި, އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައިކްރޯސޮފްޓުން ވަނީ ބުނެފަ އެވެ.

މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޮސްޓްރޭލިއާއަށެވެ. އެ ގައުމުގެ ފްލައިޓުތައް ގްރައުންޑް ކޮށްފައިވާއިރު ބޭންކުތަކުގެ ހިދުމަތެއް ވެސް ނުލިބެ އެވެ. މިކަމުގެ ސަބަބުން ވިޔަފާރި ކުރަން ވެސް ވަނީ ދަތިވެފަ އެވެ.