އެއާޕޯޓްގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް ތައްޔާރުވުމަށްޓަކައި ފަޔާ ފައިޓަރުން ތަމްރީނުކުރުމުގެ ކޯހެއް އެމްއޭސީއެލްއިން ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ 43 ދުވަހަށް ކުރިއަށް ގެންދާ މި ކޯހަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. މި ކޯހުގައި 12 ފަރާތަކުން ބައިވެރިވާ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

މި ކޯހުގައި ފްލައިޓަކަށް ނުވަތަ ވެލާނާ އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތާއި ގުޅޭގޮތުން ތަމްރީނުތައް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

މިއީ ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ 29 ބެޗެވެ.

އެމްއޭސީއެލް އިން ދާދިފަހުން ވަނީ ވީއައިއޭގައި އާ ފަޔާ ސްޓޭޝަނެއް ހުޅުވާފަ އެވެ. އާ ފަޔާ ސްޓޭޝަންގައި މުވައްޒަފުންނާއި ތަމްރީންތަކަށް އަދި ކޮންޓްރޯލް ސެންޓަރު ހިމެނޭހެން ދެ ފަންގިފިލާގެ އިމާރާތެއް ވަނީ ގާއިމުކޮށްފަ އެވެ.

މީގެ އިތުރުން އެ ފަޔާ ސްޓޭޝަންގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަ ޖާގައެއް ހަދައި، އުޅަނދުފަހަރަށް ފަސޭހައިން ފެން ރިފިލްކުރެވޭނެ ޓޭންކެއް ވެސް ބަހައްޓާފައިވެ އެވެ.