ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ގާތްގަނޑަކަށް 20ރ. އަށް އަރާފައި އޮއްވައި ކުއްލިއަކަށް 17ރ. އަށް ވެއްޓިއްޖެ އެވެ.
މާލޭގައި ޑޮލަރު ގަނެ ވިއްކާ ތަންތަނުން މިއަދު ޑޮލަރެއް ގަންނަމުން ދަނީ 17.50ރ. އަށެވެ. އަދި 500 އަށް ވުރެ ގިނަ ޑޮލަރު ނަމަ، ގަންނަނީ ޑޮލަރެއް 17.70ރ. ގެ ރޭޓެއްގަ އެވެ. އެކަމަކު، މީގެ ހަފްތާއެއް ކުރިން ޑޮލަރު ގަންނަ އަގު ހުރީ 19ރ. އަށް ވުރެ މަތީގަ އެވެ.
އެގޮތުން، ޑޮލަރު ގަނެ ވިއްކާ ތަންތަނުން އޭރު ޑޮލަރެއް ގަތީ 19.40ރ. އަށެވެ. އަދި 200 އަށް ވުރެ ގިނަ ޑޮލަރު ނަމަ، ގަންނަނީ ޑޮލަރެއް 19:50ރ. އަށެވެ. އެކަމަކު، މިހާރު 17ރ. އަށް ޑޮލަރެއް ވެއްޓުނު ސަބަބެއް އެނގިފައެއް ނުވެ އެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15:42ރ އެވެ. އަދި މާލޭގައި ހުންނަ ޑޮލަރު އެކްސްޗޭންޖުތަކުން 15.72ރ. ޑޮލަރު ގަނެ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ތާށިވެ، އޭގެ އަގު، ކަޅު ބާޒާރުގައި ދިޔައީ މަތިވަމުންނެވެ. އަދި ކުއްލިއަކަށް ޑޮލަރުގެ އަގު ދަށްވާން ދިމާވީ ޑޮލަރަށް މި ވަގުތު އޮތް ޑިމާންޑް ދަށްވުމުން ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ޑޮލަރުގެ އަގު މަތިވުމާ އެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އާއްމު ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް ޑޮލަރު ދޫކުރަމުންދާ ކަމަށެވެ.
އަލީ ހާޝިމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން ދިޔަ ޑޮލަރުގެ ސަޕްލައި ހުއްޓިފައިވީ ނަމަވެސް އެކި ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާކަމަށެވެ. އެގޮތުން ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ޚާއްސަކޮށްގެން ޑޮލަރު ދޫކުރަމުން ގެންދާކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ހަތަރު މަހެއްހާ ދުވަހު ރާއްޖެއަށް އެއްވެސް ޓޫރިސްޓަކު ނާދެއެވެ. އެކަމަކު ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވުމާ އެކު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށައިފައެވެ.
ޑޮލަރުގެ ކަޅު ބާޒާރު އުފެދުމާ ގުޅިގެން ރާއްޖެ އެތެރެކުރާ ތަކެތީގެ އަގު ވެސް މިހާރު ވަނީ އުފުލިފަ އެވެ.