ޗައިނާގެ ޝިއާމެން އެއާލައިންސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.
ޝިއާމެން އެއާލައިންސްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު 18:05 ގަ އެވެ.
ޝިއާމެން އެއާލައިންސްގެ ޝެޑިއުލްޑް ފްލައިޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުން ފާހަގަކުރައްވާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓާކޮށް ދަތުރު ކުރަމުން އައި މި އެއާލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ.
ޝިއާމެން އެއާލައިންސް އިން ރާއްޖެއަށް ހަފްތާއަކު ތިން ޝެޑިއުލް ދަތުރު ކުރާނެ އެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފްލައިޓެވެ. މި އެއާލައިން އިން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މިއަހަރުގެ ފެބުރުއަރީ އިން ފެށިގެން ޗާޓާ ދަތުރުތައް ކުރި އެވެ.
ޗައިނާގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް، ޗޮންޗިން އެއާލައިންސް އަދި ޗައިނާ އީސްޓާން އެވެ.