މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.

ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރާ ރައީސް މުއިއްޒު ހަވާލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ ގަވަރުނަރު މުނައްވަރާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ގަވަރުނަރު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. ފައިނޭންސްގެ ދާއިރާއާ ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް އާ ގަވަރުނަރަށް ބާރުއެޅުއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަ ޓު ދަ މިނިސްޓަ އޮފް ފިނޭންސްގެ މަގާމުގަ އެވެ.

މުނައްވަރު ވަނީ ރައީސް ޔާމީންގެ ދައުރުގެ ފަހުކޮޅު ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.