ޖުލައިމަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓް އިތުރު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭ ރާއްޖެއަށް ވަނީ 167،528 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް އައީ 145،620 ޓޫރިސްޓުންނެވެ

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ މަހު އިތުރުވިއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.18 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 1.07 މިލިއަން ޓޫރިސްޓުންނާ އަޅާ ބަލާއިރު ދިހަ ޕަސެންޓް އިތުރު އަދަދެކެވެ.

ފާއިތުވި މަސްތަކުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު:

  • ޖަނަވަރީ – 192،385 ޓޫރިސްޓުން
  • ފެބްރުއަރީ – 217،392 ޓޫރިސްޓުން
  • މާޗް – 194،227 ޓޫރިސްޓުން
  • އޭޕްރީލް – 168،366 ޓޫރިސްޓުން
  • މޭ – 119،875 ޓޫރިސްޓުން
  • ޖޫން - 123،284 ޓޫރިސްޓުން
  • ޖުލައި – 167،528 ޓޫރިސްޓުން

ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާ އެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ.

އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި ގައުމުތައް:

  • ޗައިނާ - 159،064 ޓޫރިސްޓުން
  • ރަޝިއާ - 126،289 ޓޫރިސްޓުން
  • އިނގިރޭސިވިލާތް – 104،712 ޓޫރިސްޓުން
  • އިޓަލީ – 86،897 ޓޫރިސްޓުން
  • ޖަރުމަން – 86،715 ޓޫރިސްޓުން

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާއި ޖޫންމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވާޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. އެގޮތުން މެއި މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައި ވަނީ 3،867 ޓޫރިސްޓުންނެވެ. އަދި ޖޫން މަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައި ވަނީ 4،109 ޓޫރިސްޓުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަދަދު މިހާރު މިވަނީ އަލުން 5،000 އިން މައްޗަށް އަރާފަ އެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5،404 ޓޫރިސްޓުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުން މިހާރު އެވްރެޖްކޮށް ހަތް ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެ އެވެ.