މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ)ގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އެއޮތޯރިޓީއަށް ފަސް އެމްޑީން އައްޔަން ކުރަން ނިންމައިފި އެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އެއޮތޯރިޓީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު އެސިސްޓެންޓް ގަވަރުނަރުގެ މަގާމު ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓްކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެމްއެމްއޭއިން ވަނީ އަލަށް އުފައްދާ މެނޭޖިން ޑިރެކްޓަރުންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރަކަށް ހޮވާ މަގާމުތަކަށް ބަދަލުކޮށްފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އާންމުކޮށްވެސް ހުޅުވާލާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އަހްމަދު މުނައްވަރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުކަމަށް އައްޔަން ކުރައްވާ ފަތްކޮޅު އެރުވުން -- ފޮޓޯ: ރައީސް އޮފީސް

އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި ގޮތުގައި ފަސް ދާއިރާއަކުން ފަސް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރާނެ އެވެ. އޭގެ ސަބަބުން އެމްއެމްއޭގައި މިހާރު ތިބި ގާބިލު ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މީގެ އިތުރުން ފަންނީ ގާބިލު މީހުންނަށް އެމްއެމްއޭއަށް ވަނުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އެ ބަދަލުތައް ގެންނަން ނިންމާފައި ވަނީ އެމްއެމްއޭގެ ބޯޑުގެ މަޝްވަރާގެ މަތިން ގަވަރުނަރު އަޙްމަދު މުނައްވަރު އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަންކުރައްވާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.