ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުނި، އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 54.1 ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެ ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 5.2 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ނަމަވެސް، ސަރުކާރުގެ މަޝްރޫއުތައް ހިންގަން ކުރި ހަރަދުތައް އިތުރުވުމާ ގުޅިގެން އެ ކުންފުނީގެ ފައިދާ މިދިޔަ ކުއާޓަރުގައި ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކޮންސްޓްރަކްޝަން ކުންފުނިން ނެރުނު މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 497,4 މިލިއަން ރުފިޔާ އެވެ. އަދި ވިޔަފާރި ހިންގުމަށް 553,9 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުނެވެ. އެއާއެކު ޖުމްލަ ގެއްލުމުގެ ގޮތުގައި 56.5 މިލިއަން ރުފިޔާ ކުންފުންޏަށް ގެއްލުންވެފައިވެ އެވެ.

އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ގެއްލުމުގައި ބޮޑެތި މަޝްރޫއުތައް ހިންގަން ހަވާލުކުރާ ކުންފުނިން ފުރަތަމަ ކުއާޓަރަށް ވުރެ ހިންގުމަށް ކުރި ހަރަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މިގޮތުން ފުރަތަމަ ކުއާޓަރުގައި ހިންގުމަށް 82.5 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، މިދިޔަ ކުއާޓަރުގައި އެ އަދަދު ވަނީ 90.8 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ބޮޑު ގެއްލުމެއް ހިންގި ނަމަވެސް އެމްޓީސީސީވެފައި ވަނީ އިންތިހާބުތަކާ ދިމާކޮށް އެންމެ ގިނަ އަދަދަކަށް ވަޒީފާ ބަހާ އެއް ކުންފުނީގެ ގޮތުގަ އެވެ.