މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްޕޮންސާކޮށްފި އެވެ.

ހޮޓެލް ޖެންގައި އިއްޔެ ކުރިޔަށް ދިޔަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ޓްރެވަލް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ މެޑަމް ސާޖިދާ މުހައްމަދެވެ.

އެމްއޭސީއެލުން ބުނީ އެ ކޮންފަރެންސް ސްޕޮންސާ ކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށްވެފައި ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއި އަންހެނުން ބާރުވެރިކުރުމަށް ހިތްވަރު ދިނުމަކީ ވެސް އެ ކޮންފަރެންސް ސޮޕޮންސާ ކުރި އެއް މަގުސަދު ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އޭރޯޑްރޯމް މެނޭޖްމެންޓް ސާވިސަސްގެ ސީނިއާ ޖެނެރަލް މެނޭޖާ މަހުމޫދާ ޝަރީފް ވިދާޅުވީ އިންޖިނިއަރިން ދާއިރާ އާއި އެއާފީލްޑް މެނޭޖްމަންޓް ދާއިރާގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ލީޑާޝިޕްގެ މަގާމުތަކުގައި އަންހެނުން މަދު ކަމަށެވެ. އަދި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަކޮށް، އެމްއޭސީއެލްގެ މެނޭޖްމަންޓުން ލީޑާޝިޕް މަގާމްތަކަށް އަންހެނުން އައްޔަނުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މަހުމޫދާ ވިދާޅުވި އެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަންގެ މައިގަނޑު މަގްސަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަށް މަގުފަހިކުރުން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.