ތަޖުރިބާ ހޯދުމަށް ސީޝެލްސްގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ވަފުދެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށްފި އެވެ.

އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނީ މިއީ ސީޝެލްސް އެއާޕޯޓް ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ތަޖުރިބާ އާއި ލަފާ ހޯދުމަށް ކުރި ޒިޔާރަތެއް ކަމަށެވެ.

މި ޒިޔާރަތުގައި ސީޝެލްސްގެ މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޓަނީ ޑެޖާކް އާއި އެމިނިސްޓްރީގެ އިސް ބޭފުޅުންނާއި ސީޝެލްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުންނާއި އެމްއޭސީއެލްގެ މެނޭޖްމަންޓުން ވަނީ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު މުހައްމަދު އަފްލާހާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު މުއާޒް ރަޝީދާއި، ދިވެހިރާއްޖެއިން ސީޝެލްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލް މުހައްމަދު ފިރާގު ބައިވެރިވެވަޑައިގެންނެވި އެވެ.

ސީޝެލްސްގެ ވަފްދުން ބުނީ މިޒިޔާރަތުގެ އެންމެ ބޮޑު ބޭނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފަދަ މެގަޕްރޮޖެކްޓެއް ނިންމުމުގައި ރާއްޖޭން ތަޖުރިބާކުރި ގޮންޖެހުންތައް ދެނެގަނެ، ސީޝެލްސްއިން އެއާޕޯޓް ތަރައްގީ ކުރުމުގައި އެތަޖުރިބާގެ ބޭނުން ހިފުމެވެ. އެހެންކަމުން ސީޝެލްގެ އެއާޕޯޓް ތަރައްގީ ކުރުމުގައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކާއި، ގެންގުޅުއްވާ ވިސްނުން ހިއްސާކޮށް އެކަމުގައި އެމްއޭސީއެލްގެ ތަޖުރިބާކާރު ޓީމްތަކުގެ ލަފާ ހޯދާފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ތަޖުރިބާ ހޯދުމަށް ރާއްޖެ އައި ސީޝެލްސްގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ވަފުދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބައްލަވާލައްވަނީ. ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން ރާއްޖެފަދަ ޖަޒީރާ ގައުމަކުން މިހާ ފުރިހަމަ އެއާޕޯޓެއް ތަރައްގީ ކުރުމުގައި ގެންގުޅޭ ވިސްނުންތަކާމެދު ޚިޔާލު ބަދަލުކޮށްފައިވެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގައި ސަރުކާރުން ގެންގުޅޭ ތަސައްވުރާއި، އެއާޕޯޓުގެ މަސައްކަތްތައް ހިނގަމުންދިޔަ ދުވެލި ބާރު ކުރުމަށް ކުރެވެމުންދާ ކަންކަން ވެސް ސީޝެލްސްގެ ވަފްދާ ހިއްސާ ކޮށްފައިވެ އެވެ.

މިބައްދަލުވުމަށްފަހު ވަފުދުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނިމިފައި ހުރި ފެސިލިޓީތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ބޭނުން ހިފަމުންދާ ގޮތް ބަލާފަ އެވެ. އަދި ތަރައްގީ ކުރަމުން އަންނަ އާ ޓާމިނަލާއި އެއާ ގުޅޭ އެހެނިހެން މަސައްކަތްތައް ވެސް ވަނީ ބަލާފަ އެވެ.