މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 65 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 189،470 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައީ 114،413 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުން ރާއްޖެއަށް ވަނީ 187،118 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އަދި 2022 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 27 ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމެވެ.

ޗައިނާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އަދަދު އިތުރުވަމުން އަންނައިރު، އެ ގައުމުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް މަސައްކަތްތަކެއް ކުރެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.1 މިލިއަން ޓޫރިސްޓުންނާ އަޅާ ބަލާއިރު 10.5 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،298 ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައަޅާފައި ވަނީ ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށް މިހާރު ބޭނުންވަނީ 684،680 ޓޫރިސްޓުންނެވެ.