މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 15 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފި އެވެ.

ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް އެމްއެމްއޭއިން ތަރައްގީކޮށްފައިވާ "ފަވަރަ" އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރު އޮގަސްޓްމަހުގެ 26 ވަނަ ދުވަހު އެވެ.

ފަވަރައިގެ ޚިދުމަތް ފެށިތާ އަހަރެއްވެފައިވާއިރު އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އެއް އަހަރު ތެރޭގައި 5 މިލިއަން ޓްރާންސެކްޝަން ފަވަރު މެދުވެރިކޮށް ހިންގާފައިވެ އެވެ. އަދި އެއީ ޖުމްލަ 15 ބިލިޔަން ރުފިޔާގެ މުއާމަލާތް ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭ އިން ތަރައްގީކޮށްފައިވާ "ފަވަރަ"އަކީ ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް ތަރައްގީކޮށްފައިވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްއެކެވެ. މި ސިސްޓަމްގެ ދަށުން ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގެ އެކައުންޓަކުން ވެސް ފަސޭހަކަމާއެކު ބޭންކިން މުއާމަލާތްތައް ހިންގެ އެވެ.

"ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ. މި ސިސްޓަމްގައި މިހާތަނަށް ބައިވެރިވެފައި ވަނީ ރާއްޖޭގެ ދެ ބޭންކަކާއި ބޭރުގެ ތިން ބޭންކެއް ހިމެނޭހެން 5 ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކް ހިމެނެއެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އިންސްޓަންޓް ޕޭމަންޓްސް، ރިކުއެސްޓް ޓު ޕޭ، ސްމާޓް އެޑްރެސިން އަދި އެކައުންޓް ވެރިފިކޭޝަންގެ މުއާމަލާތް ހިމެނެ އެވެ.