މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފިއުލް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިން-ހައުސް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ މި ތަމްރީންތަކަކީ އޮޕަރޭޝަނަލް ޓީމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތާއި ހުނަރު އުނގަންނައިދިނުމަށް ރޭވިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ. މިގޮތުން ފުރަތަމަ ތަމްރީނުތައް އަމާޒުކޮށްފައިވަނީ ކޮލިޓީ ކޮންޓްރޯލް އަދި އިންޓު-ޕްލޭން އޮޕަރޭޝަންސް ދާއިރާތަކަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން ބުނީ ޑިޕޯ އޮޕަރޭޝަންސް އަދި މެއިންޓެނަންސް ދާއިރާތަކުގެ ތަމްރީންތައް ކުރިޔަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮގްރާމްތަކަކީ ކުރިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކެކެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާއި އެއްގޮތަށް، ފިއުލް ސާވިސަސްގައި މަސައްކަތްކުރާ ތަޖުރިބާކާރު ސީނިއާ މުވައްޒަފުން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓުން މި ޕްރޮގްރާމްތައް ފާސްކޮށްފައިވަނީ ޕްރޮގްރާމްގައި ބޭނުންކުރާ މެނުއަލްތަކާއި ތަމްރީނުދޭ ފަރާތްތައް، ކޮލިޓީގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މިއާއިއެކު، އެމްއޭސީއެލްގެ ފިއުލް ސާވިސަސްގައި ދެވޭ ތަމްރީންތަކަކީ ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް އޮޕަރޭޝަނަށް ބޭނުންވާ ގޮތައް ބައްޓަން ކުރެވިގެން ކުރިއަށްގެންދާ ތަމްރީންތަކަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފިއުލް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިން-ހައުސް ތަމްރީނު ޕްރޮގްރާމްތަކުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއޭސީއެލް

މި ތަމްރީން ޕްރޮގްރާމްތައް ފެށުމާއެކު، އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވަނީ ފިއުލް ފާމަށް ޒިޔާރަތްކޮށް ތަމްރީންތައް ކުރިއަށް ގެންދާގޮތް ބައްލަވާލައްވައި މުވައްޒަފުންނާއި ޕްލޭނަރުންނަށް ހިތްވަރު ދެއްވާފައިވެ އެވެ.

މިއީ އެމްއޭސީއެލްގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް މެނޭޖްމެންޓުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް ޕްރޮގްރާމް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނިން މަސައްކަތްކުރަނީ ވެލެނާ އިންޓަނޭޝަނަލް އެއާޕޯޓުން އެއާލައިންތަކާއި، ފަސިންޖަރުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.