މިއަހަރުގެ ޓޫރިޒަމް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޝަން (އެފްއެމްޔޫޑީ) އިން މިއަދު ހާއްސަ އިވެންޓެއް ބާއްވައިފި އެެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި "ވިންޓާ ޕްރެޕް ކިކްއޮފް 2024"ގެ ނަމުގައި ބޭއްވި މިއިވެންޓްގެ މަގްސަދަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާއި ހިއްސާކޮށް ކުންފުނީގެ ލަނޑުދަނޑިތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމްކުރުމެވެ.

މި އިވެންޓްގައި އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިޒަމްގެ ޕީކް ސީޒަނަށް ތައްޔާރުވަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ފުރާ ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ގާއިމްކުރުމަށް ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާއެކު ޓާމިނަލް ރީތިކުރުމަށް ފެސިލިޓީސް މެނޭޖްމެންޓުން ވަނީ މަސައްކަތް ފަށާފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިވެންޓުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ އެފްއެމްޔޫޑީގެ އިވެންޓްއަކީ ރޭވިފައިވާ މަސައްކަތުގެ ފެށުމެއް ކަމަށެވެ. ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދިޔުމަކީ ކުރިއެރުމެއްކަން ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެކަމުގެ ޔަގީންކަން ސީއީއޯ ދެއްވި އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި މި އިވެންޓްގައި އެފްއެމްޔޫޑީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާފައިވާއިރު، ޑިޕާޓްމަންޓްތައް ގުޅިގެންކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް މަޝްވަރާ ކުރެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.