ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 72 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާންމުކުރި ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން މިއީ 2022 ވަނަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުކުރި އަދަދަށްވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ.

ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ 87 އިންސައްތައަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާ އެވެ. ބާކީ 16 ޕަސެންޓަކީ ދިވެހިން ބޭރުކުރި ފައިސާ އެވެ.

އެމްއެމްއޭއިން ބުނީ މިދިޔަ އަހަރުވެސް އެންމެ ގިނައިން ފައިސާ ބޭރަށް ފޮނުވީ ބަންގްލަދޭޝް އަށެވެ. އެ ގޮތުން ރާއްޖެއިން ބޭރުކޮށްފައިވާ ޑޮލަރުގެ ތެރެއިން 54 ޕަސެންޓް ފައިސާ ފޮނުވާފައި ވަނީ ބަންގްލަދޭސް އަށެވެ.

ދެން އެންމެ ގިނަ އަދަދަކަށް ފައިސާ ބޭރުކޮށްފައި ވަނީ ނޭޕާލަށެވެ. އެއީ 10.6 ޕަސެންޓެވެ. ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބޭރުކޮށްފައިވަނީ މިސްރަށެވެ. އެއީ 7.9 ޕަސެންޓް އެވެ. އަދި ހަތަރުވަނާގައި އޮތް ޕިލިޕީންސަށް ވަނީ 7.1 ޕަސެންޓްގެ ފައިސާ ބޭރުކޮށްފަ އެވެ.

ބަންގްލަދޭޝްއަކީ 2022 ވަނަ އަހަރު ވެސް ރާއްޖެއިން އެންމެ ގިނައިން ފައިސާ ބޭރުކުރި ގައުމެވެ.

ދިވެހިން އެންމެ ގިނައިން ފައިސާ ފޮނުވާފައި ވަނީ އިންޑިއާ އާއި ފިލިޕީންސްގެ އިތުރުން ސްރީލަންކާ އަށެވެ.