ބޭނުން ކުރެވޭ ރިޒާވް 61 މިލިޔަން ޑޮލަރަށް އިތުރު ކުރެވިފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކް އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޯގަސްޓް މަހު ރަސްމީ ރިޒާވް ވަނީ އިތުރުވެފަ އެވެ. އެގޮތުން ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 45 މިލިޔަން ޑޮލަރުގައި ކަމަށް އެމްއެމްއޭއިން ބުނެ އެވެ. ނަމަވެސް އެ އަދަދު މިދިޔަ މަހު 61.22 މިލިޔަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. މިއީ ޖުލައި މަހާއި އަޅާބަލާއިރު 36 ޕަސެންޓްގެ ކުރިއެރުމެކެވެ.

ބޭނުންކުރެވޭ ރިޒާވްގައި ހުރީ ގާތްގަނޑަކަށް މަސް ދުވަހުގެ އިމްޕޯޓަށް ފުދޭ މިންވަރެވެ.

އެމްއެމްއޭގެ މި ތަފާސްހިސާބާއެކު ދައުލަތުގެ ޖުލްމަ ރިޒާވް މިދިޔަ މަސް ނިމުނުއިރު ހުރި މިންވަރު ވަނީ އިތުރުވެފައިވާ ކަމަށް ދައްކަ އެވެ. އޭގެ އިތުރުން މިދިޔަ 7 މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 395 މިލިޔަން ޑޮލަރެވެ. ނަމަވެސް މި އަދަދު އޯގަސްޓް މަސް ނިމުނުއިރު 444 މިލިޔަން ޑޮލަރަށް އިތުރުވެފަ އެވެ.

ކޮވިޑާ ގުޅިގެން ޔޫއެސް ޑޮލަރުގެ ރިޒާވަށް ދިމާވި ހީނަރުކަން ރަނގަޅުކުރަން ކުރީ ސަރުކާރުން މަސައްކަތްކުރި އެވެ. އެގޮތުން އެމްއެމްއޭއިން ބުނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ގޮންޖެހުންތަކާ ގުޅިގެން އެމްއެމްއޭއާއި މާލީ ވުޒާރާއާއެކު 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް މިހާރު މިބައި ނުލާ ބޭނުން ކުރާ ރިޒާވް ދަނީ ވަކިން ބަލަހައްޓަމުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މި ސަރުކާރުން ބުނީ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވިއިރު އެސްޑީއެފްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން މާރުކުރުމުގެ ސަބަބުން ހުރީ އެންމެ 5 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި އަދަދު މިހާރު 65 މިލިޔަން ޑޮލަރަށް މާރުނުކޮށް ބެހެއްޓުމުން އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ބުނީ ބޭނުންކުރެވޭ ރިޒާވުގެ އަދަދު ހިމަނައިގެން، މިދިޔަ 7 މަސް ނިމުނު އިރު ހުރީ 105 މިލިޔަން ޑޮލަރުގައި ކަމަށެވެ. ސަރުކާރުން ލަފާކުރަނީ އެސްޑީއެފް އަދި ބޭނުންކުރެވޭ ރިޒާވް ހިމެނޭހެން މިއަހަރުގެ ނިޔަލަށް 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށެވެ

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސަރުކާރާއި މަރުކަޒީ ބޭންކު ގުޅިގެން ޑެޓް ރީފައިނޭންސް ކުރަން ގްރީން ބޮންޑެއް އިޝޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މިހާރު މި އެއްބަސްވުން އޮތީ ސޮއިކުރުމުގެ މަރުހަލާގައި ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.