ޓޫރިޒަމް ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީން އަހަރަކު ވަކި ވަރެއް ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މަޖުބޫރުކޮށްފި އެވެ.
މިފަދައިން މަޖުބޫރުކުރީ މިއަދު އަމަލުކުރަން ފެށި ބޭރު ފައިސާ މާރުކުރުމުގައި އަމަލުކުރާ އާ ގަވާއިދުގަ އެވެ. މިއީ މިފަދަ މަޖުބޫރެއް ކުރި ފުރަތަމަ ފަހަރެވެ.
އެ ގަވާއިދުގައިވާގޮތުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާތަނަކުން ވެސް އަހަރަކު ވަކި ވަރަކަށް ރާއްޖޭގެ ބޭންކުތަކަށް ބޭރު ފައިސާ މާރުކުރުމަކީ މަޖުބޫރު ކަމެކެވެ.
އެ ގަވާއިދުގައި ވަނީ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަން ކެޓަގަރައިޒްކޮށްފަ އެވެ. އެގޮތުން "އޭ" ކެޓަގަރީގައި ހިމެނެނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. "އޭ" ކެޓަގަރީ ގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރުމަކީ މަޖުބޫރު ކަމެއް ކަމަށް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
ކެޓަގަރީ "ބީ" ގައި ގެސްޓް ހައުސްތައް ހިމެނޭއިރު، އެ ތަންތަނުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރުން ވަނީ މަޖުބޫރުކޮށްފަ އެވެ.
އެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގައި އެ ގަވާއިދުގެ ސަބަބުން އެމްއެމްއޭ އިން ކަނޑައަޅާފައިވާ ބޭރު ފައިސާ މާރުކުރާ ރޭޓާއެއްގޮތަށް އެފަދަ ފައިސާ މާރުކުރުން ތަންފީޒުކުރުމަށް ބޮޑު އެހީއެއް ލިބޭނެ އެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ފައިދާތަކާއި ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މިއަދު އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީގެ 15 ވަރަކަށް ޕަސެންޓު ބޭންކްތަކުގައި މާރު ކުރެވޭނެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު އެ ހަފުތާއެއްގެ ބުދަ ދުވަހުގެ ކުރިން އެމްއެމްއޭ އަށް ވިއްކުން އެ ގަވާއިދުގައި މަޖުބޫރުކޮށްފައިވެ އެވެ. މިއީ އެމްއެމްއޭ އިން މިފަދަ ގޮތަކަށް ބޭންކްތަކުން ޑޮލަރު ގަންނަން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
މީގެއިތުރުން ބޭންކްތަކުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ތަފްސީލުތައް ވެސް އެމްއެމްއޭ އަށް ހުށަހަޅެން ވެސް ވަނީ ލާޒިމް ކަމަކަށް ހަދާފަ އެވެ.
އެ މަހެއް ނިމޭތާ 10 ވަނަ ދުވަސް ތެރޭ ކޮންމެ މަހެއްގެ ތެރޭގައި ބޭންކަކަށް މާރުކޮށްފައިވާ ބޭރު ފައިސާގެ ތަފްސީލު ޓޫރިޒަމް ފެސިލިޓީތަކުން އެމްއެމްއޭއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މީގެއިތުރުން ވެސް މިކަމާ ގުޅިގެން އަމަލުކުރަންޖެހޭ އެހެނިހެން ކަންތައްތައް ވަރަށް ތަފްސީލުކޮށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.