މިއަހަރުގެ މިހާތަނަށް 1.5 މިލިޔަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،522،621 ޓޫރިސްޓުން އައިސްފަ އެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1،390،307 ފަތުރުވެރިންނާ އަޅާ ބަލާއިރު 9.5 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ދޮޅު މިލިޔަނަށް އަރާފައިވާއިރު، ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އަނެއްކާ ވެސް 5000 އަށްވުރެ މައްޗަށް އަރާފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،100 ޓޫރިސްޓުން އާދެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓަށް ބަލާއިރު، ބައެއް ބަދަލުތައް ވަނީ އައިސްފަ އެވެ. އެގޮތުން މިހާރު އިޓަލީ ފަހަތަށް ޖައްސާލުމަށްފަހު ޖަރުމަން ވަނީ ހަތަރުވަނައަށް އަރާފަ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް:

  • ޗައިނާ : 227،978 ޓޫރިސްޓުން
  • ރަޝިއާ : 166،172 ޓޫރިސްޓުން
  • އިނގިރޭސިވިލާތް : 128،262 ޓޫރިސްޓުން
  • ޖަރުމަންވިލާތް: 110،574 ޓޫރިސްޓުން
  • އިޓަލީ: 107،799 ޓޫރިސްޓުން

ސަރުކާރުން ކަނޑައަޅާފައި ވަނީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނެސް ޓޫރިޒަމްގެ އާ ރެކޯޑެއް ގާއިމްކުރުމަށެވެ. މިއަމާޒު ހާސިލްކުރުމަށް ދެން ބޭނުން ވަނީ 477،379 ޓޫރިސްޓުންނެވެ.