މީރާއަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 102 މިލިއަން ޑޮލަރު ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ އިދާރާއަށް 2.30 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 93.1 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެ އެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.7 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި، ސެޕްޓެންބަރު 2023 އާއި އަޅައިބަލާއިރު، މިދިޔަ ސެޕްޓެންބަރު މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބިފައިވާ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމުލަ އަމްދަނީ އިތުރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. އަދި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖީއެސްޓީ އަދި ރިޒޯޓްތަކުގެ ކުލި ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާއި ދިމާވުމާއި ގުޅިގެން، އެ ފައިސާ ބަލައިގަނެފައި ވަނީ އޮކްޓޫބަރު 2023 ގަ އެވެ. މިއަހަރުގެ ސެޕްޓެންބަރު މަހުގެ ސުންގަޑިއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވުމާއެކު ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީ، ކުރީގެ ސުންގަޑިތަކަށް މި މަހު ލިބިފައިވުމަކީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ސެޕްޓެމްބަރު 2024 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން ބުނެ އެވެ. މީގެ އިތުރުން ޓޫރިޒަމް ގާނޫނަށް ގެނައި 13 ވަނަ އިސްލާހާ ގުޅިގެން ރިޒޯޓްތަކުގެ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ 99 އަހަރަށް އިތުރުކުރުމުގެ ސަބަބުން މި މަހު މީރާއިން ބަލައިގެން އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ސެޕްޓެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ މީރާއިން ބަލައިގަނެފައިވުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

"ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ މި މުއްދަތަށް ލިބޭނެކަމަށް އަނދާޒާކޮށްފައި ނުވާ ސަބަބަކީ، މި ފީއަކީ ތާވަލް ކޮށްގެން ނަގާ ފީއަކަށް ނުވުމާއެކު ޓެކްސް ދައްކާ ފަރާތްތަކުން މި ފީ ދައްކަނީ އަމިއްލަ އިޚުތިޔާރުގައި ކަމަށްވުމުން. ހަމަ އެހެންމެ، އަލަށް ކުއްޔަށް ދޫކުރި ރަށްތަކުގެ ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ އާމްދަނީއާއެކު ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ކުރީގެ ސުންގަޑިތަކަށް ބަލައިގަނެފައިވާ ފައިސާ ލިބިފައިވޭ،" މީރާއިން ބުންޏެވެ.

މީގެ އިތުރުން، މިދިޔަ މަހު ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 8.1 ޕަސެންޓް އިތުރުވުމާ ގުޅިގެން ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ކުރު ޚުލާސާ

  • ސެޕްޓެންބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިން. އެއީ 44.5 ޕަސެންޓް ނުވަތަ 1.02 ބިލިއަން ރުފިޔާ
  • ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުން. އެއީ 15.7 ޕަސެންޓް ނުވަތަ 360.78 މިލިއަން ރުފިޔާ.
  • މީގެ އިތުރުން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 229.95 މިލިއަން ރުފިޔާ (10.0 ޕަސެންޓް)، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 147.99 މިލިއަން ރުފިޔާ (7.6 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.78 މިލިއަން ރުފިޔާ (4.4 ޕަސެންޓް)
  • އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 409.95 މިލިއަން ރުފިޔާ (17.8 ޕަސެންޓް)

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 102.05 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.