ސަރުކާރު އުފައްދާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު ހިންގަން އެމްއެމްއޭއިން މިއަދު ލައިސަންސް ދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާފައި ވަނީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެ ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހަޅާފައި ވަނީ މިދިޔަ ޖުލައިމަހު އެވެ.

މަރުކަޒީ ބޭންކުގައި ބޭއްވި ރަސްމިއްުޔާތެއްގައި ޑިވެލޮޕްމެންޓް ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މި ލައިސަންސާ ހަވާލުވެވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެމްއެމްއޭ އިން ބުނީ މި ބޭންކްގެ ޚިދުމަތް ފެށުމުން، އިގްސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށް ދެކޭ ކަމަށެވެ. މިގޮތުން، މި ބޭންކްގެ ޚިދުމަތް 12 އޮކްޓޫބަރު 2025 ގެ ކުރިން ފަށަން ޖެހޭ ގޮތަށް ވެސް ހަމަޖެހިފައިވާ ކަަމަށް އެމްއެމްއޭ އިން ބުނެ އެވެ.

"މި އޮތޯރިޓީއިން ދެކޭ ގޮތުގައި މި ބޭންކް ހުޅުވުމަކީ ދިވެހިރާއްޖޭގެ މަލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް،" އެމްއެމްއޭ އިން ބުންޏެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް މެމްބަރުން އައްޔަންކުރީ މިިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެގޮތުން މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ. ހާވާޑް ޔުނިވަރސިޓީއިން މާސްޓަ އޮފް ލޯސް ހާސިލުކޮށްފައިވާ އަރޫނީއަކީ މާލީ ދާއިރާގެ 25 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ ނޮއެލް ގްރެގާ އެެވެ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މަތީ ތައުލީމް ހާސިލްކޮށްފައިވާ ނޮއެލްއަކީ ސައުދީ އަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑް ގާއިމުކުރުމުގައި އިސްދައުރެއް އަދާކޮށްފައިވާ ބޭފުޅެކެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ އޮފީސް ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ ޗާންދަނީ މަގާއި އަމީރު އަހުމަދު މަގު ގުޅޭ ހަތަރު އަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގެ ތިރީ ބުރީގަ އެވެ.