ޓޫރިޒަމްގެ ހިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީ ޖީއެސްޓީ ހިމެނޭހެން ތިން ޓެކުހެެއް ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރަށް މިވަނީ ފޮނުވައިފަ އެވެ.

ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރަން ސަރުކާރުން މި ނިންމުން މިއަައީ ޓޫރިޒަމް ދާއިރާއަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް މި އަހަރުގެ ހައި ސީޒަނަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވަރަށް ބޮޑަށް ތައްޔާރުވަމުންދަނިކޮށެވެ.

މިއީ މިދިޔަ އެއް އަހަރުގެ ތެރޭގައި ޓޫރިޒަމް ޖީއެސްޓީ ބޮޑުކުރާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުން ފާސްކޮށްފައިވެ އެވެ. އެ އިސްލާހާ އެކު ކުރިން ހަ ޕަސަންޓުގައި ހުރި ޖީއެސްޓީ އަށް ޕަސަންޓަށް ބޮޑުވެ އަދި 12 ޕަސަންޓުގައި ހުރި ޓީޖީއެސްޓީ 16 ޕަސަންޓަށް ވަނީ ބޮޑުކޮށްފަ އެވެ.

އޭރު އެ ބިލް ފާސްކުރި ދުވަހު މަޖިލީހުގެ އޭރުގެ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ވެސް ކުރި އެވެ. އަދި ޓެކްސް ބޮޑުކޮށްފި ނަމަ ޓޫރިޒަމް ދާއިރާ އަށް 10 ޕަސެންޓްގެ ދަށްވުމެއް އަންނާނެ ކަމަށް މަޓާޓޯއިން ވެސް ބުނެފައިވެ އެވެ.

އޭގެ އެއް އަހަރު ފަހުން އަނެއްކާ ވެސް މިވަނީ ޓެކްސް ބޮޑުކުރަން ނިންމައިފަ އެވެ. މިފަހަރު ގެންނަ އިސްލާހުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ ގޮތަށް 16 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށެވެ. އެކަމަކު އެ އަހަރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށާނެ ކަމަށް އެ އިސްލާހުގައި ވެ އެވެ. އެއާ އެކު، ދައުލަތަށް އިތުރަށް 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މިދިޔަ މަހު ކުރީކޮޅު ކްރޮސްރޯޑްސްގައި ބޭއްވި ބައްދަލުވުމަކަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް (ވ2) އަދި ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް އާއި އެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަޑައިގަންނަވަނީ. ފޮޓޯ: ޓޫރިޒަމް

ސަރުކާރުން މިފަހަރު ގެންނަން ނިންމި ބަދަލާ މެދު ޓޫރިޒަމް އިންޑަސްޓްރީން އެއްގޮތަކަށް ވެސް ނުރުހެ އެވެ. އެންމެ ބޮޑު ސަބަބެއް ކަމަށް ބުނަނީ ސަރުކާރުން މިހާ ކައިރި ކައިރީގައި ޓެކްސް ބޮޑުކުރުމެވެ.

"ގިނަ ރިސޯޓުތަކުގެ އެނދުތައް ފުރަނީ އެޑްވާންސްކޮށް ޓްރެވަލް އެޖެންޓުންނާއެކު ކޮންޓްރެކްޓް ހަދައިގެން. އެޖެންޓުންނާއެކު ކޮންޓްރެކްޓް ހަދަނީ މިހަދަނީ ހަ މަސް ނުވަތަ އެއް އަހަރަށް. އެހެން އޮތްވައި ކުއްލިއަކަށް ޓެކްސްތައް ބޮޑުކުރުމުން ރިސޯޓު ހިންގާ ފަރާތުން ވަރަށް ބޮޑު އެއްޗެއް އެޖެންޓުންނަށް ދޭން އެބަ ޖެހޭ،" ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހިންގާ ދިވެހި ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ޓެކްސްއަށް ގެނައި ބަދަލާ ގުޅިގެން އޭނާ ހިއްސާވާ ކުންފުނިން ޓްރެވަލް އެޖެންޓުންނަށް އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހުނު ކަމަށެވެ.

"އެ ގެއްލުމުން އަދި އަރައި ނުގަނެވިގެން އުޅެނިކޮށް އަނެއްކާ ޓެކްސް ބޮޑުކުރަން ސަރުކާރުން މި ނިންމީ. މިކަން މިހާރު ވަރަށް ބޮޑު ޖޯކަކަށް ވެއްޖެ. މިހެން ހެދުމުން ރާއްޖެ އަންނަން ތިބި އިންވެސްޓަރުންނަށް ސަރުކާރުން މި ބުނެދޭން އުޅެނީ ކޯއްޗެއް ކަމެއް ނޭނގެ،" ވަރަށް ހިތްހަމަނުޖެހިފައި ހުރެ އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

މިދިިޔަ އަހަރު ޓެކްސްއަށް ގެނައި ބަދަލާ ގުޅިގެން ބައެއް ރިސޯޓުތަކުން ބޮޑެތި ޑިސްކައުންޓްތައް ދީގެން އެނދު ވިއްކަން ޖެހުނެވެ. އެހެން ނުހެދި ނަމަ މިއަހަރު ކުރީކޮޅު ގިނަ ރިސޯޓުތަކަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށް ރިސޯޓުތަކުން ދެކެ އެވެ.

"އަހަރެމެން މިތިބީ ވަރަށް ފޮނި އުއްމީދެއްގައި މިފަހަރު ހައި ސީޒަންގައި ރަނގަޅު އާމްދަނީއެއް ލިބި ހިންދެމިލެވޭނެ ކަމަށް. މިއަހަރު ފެށުނީއްސުރެ ރިސޯޓަށް ލިބޭ އާމްދަނީ މިވަނީ ވަރަށް ބޮޑަށް ދަށްވެފައި،" ބޭރުގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ މަތީ ފެންވަރުގެ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު ވިދާޅުވި އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލަށް ޓޫރިސްޓަކު ވަންނަން ދަނީ. ޓެކްސްތައް ބޮޑުކުރުމުން އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރުގެ ގެއްލުން ލިބޭ. ފޮޓޯ: ޚަލަފް ހަސަން | ހުރިހާ

އޭނާ ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ކުއްލި ކުއްލިއަށް ބޮޑުކުރަން ޖެހުމުން ހީވެސް ނުކުރާ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މިހާރު ވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވި އާމްދަނީ އެހާ އިތުރުވަމުން އަންނަކަމަށް ފާހަގަ ނުވަނީ ގިނަ ރިސޯޓުތަކުން ރޫމް މި ވިއްކަނީ ވަރަށް ބޮޑު ޑިސްކައުންޓެއް ދީގެން. އެ ޑިސްކައުންޓް ނުދޭ ނަމަ އަހަރުގެ ލޯ ސީޒަންގައި ޖެހޭނީ ރިސޯޓު ބަންދުކުރަން،" އެ ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރުމުގެ އިތުރުން ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެންނަން ވެސް ނިންމައިފަ އެވެ. މީގެ އިތުރުން ގްރީން ޓެކްސް ވެސް 100 ޕަސެންޓް ބޮޑުކުރަން ނިންމާފައިވެ އެވެ.

ސަރުކާރުން ގްރީން ޓެކްސް ބޮޑުކުރުމަށް ނިންމާފައި ވަނީ 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނަގާ ގޮތަށެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރުމަށް ވެސް ނިންމާފައިވެ އެވެ.

މިގޮތުން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނަގާއިރު މި ބަދަލާއެކު ދެން ނަގާނީ 50 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުގައި 50 ޑޮލަރު ނަގާއިރު އެ އަދަދު 120 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އެ އަދަދު 240 އަށް ބޮޑުކުރުމަށް އަދި ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ މީހުންގެ އަތުން 120 ޑޮލަރު މިހާރު ނަގަމުން އަންނައިރު އެ އަދަދު 480 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުން ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ މިވަރުގެ ބޮޑެތި ނިންމުންތައް ނިންމިއިރު، ރައީސަށް ލަފާ ދިނުމަށް ޓޫރިޒަމް އިންޑަސްޓްރީގައި ނަގާ ކިޔާ ބޭފުޅެއް ކަމަށް ވެސް ރިއޮލޯ އިންވެސްޓްމަންޓްގެ އެއް ހިއްސާދާރު މުހައްމަދު ހަލީލް އަދި އިންވެސްޓްމަންޓް އެޑްވައިޒަރުގެ ގޮތުގައި މުހައްމަދު އަލީ ޖަނާހު (ޖަނާ) ހުންނަވަ އެވެ.

ޖަނާހު އަދި ހަލީލް

އޭގެ ތެރެއިން ހަލީލް އަކީ ގިނަ ކަނޑިންމާ ރިސޯޓު އަދި މަންޓާ އެއާގެ އެއް ހިސާދާރެވެ. އަދި ޖަނާއަކީ ރާއްޖޭގައި އަގު ބޮޑު ރިސޯޓުތަކެއް ތަރައްގީކުރަން އިންވެސްޓަރުން ގެނައުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ ބޭފުޅެކެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ބޭފުޅުން ދެކޭ ގޮތުގައި ހަލީލް އާއި ޖަނާ އިންޑަސްޓްރީގެ ހައްގުގައި ވަކާލާތުކުރަން ޖެހެ އެވެ. އަދި މިފަދަ ނިންމުންތަކުގެ ސަބަބުން އިންޑަސްޓްރީއަށް ކުރިމަތިވާނެ ގެއްލުންތައް ސަރުކާރަށް ބުނެދޭން ޖެހޭ ކަމަށް އިންޑަސްޓްރީގެ ބޭފުޅުން ދެކެ އެވެ.

ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް ވެސް ދެކޭ ގޮތުގައި ޓޫރިޒަމް ދާއިރާއާ ގުޅޭ ޓެކްސްތައް އެހާ އަވަސް އަވަހަށް ބޮޑުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި އެކަމާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒުއާ މިއަދު ވެސް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ބަދަލުތަކެއް ގެންނަން ވާނީ އިންޑަސްޓްރީއަށް ވެސް ބުރަ ބޮޑުނުވާނެ ގޮތަށް ވިސްނައިގެން. ސަރުކާރުން މިބަދަލުތައް ގެންނައިރު ހަރަދުތައް ވެސް ކުޑަކުރަން ޖެހޭ. އަޅުގަނޑު މިގެންދަނީ ރައީސަށް މިކަމާ ގުޅޭ ލަފާތައް ދެމުން،" ހަލީލް ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ހައްގުގައި ވަކާލާތުކުރާ މަޓީގެ އިސްވެރިން އެ ޖަމިއްޔާ އަހަރީ ބައްދަލުވުމެއްގައި ބައިވެރިވަނީ. ޓެކްސް ބޮޑުކުރަން ނިންމި ނިންމުމާ މެދު އެ ޖަމިއްޔާ އޮތީ އަދި އޮތީ ހަނު.

ޓޫރިޒަމް ޓެކްސްތައް ބޮޑުކުރަން ނިންމިއިރު، ޓޫރިޒަމް އިންޑަސްޓްރީގެ ހައްގުގައި ވަކާލާތުކުރާ ބޮޑު ދެ ޖަމިއްޔާއެއް އޮވެ އެވެ. އެއީ ދިވެހި މަހުޖަނުންތަކެއް ހިންގާ މަޓީ އާއި މަޓާޓޯ އެވެ. ސަރުކާރުން މި ނިންމުމާ ގުޅޭ ގޮތުން އެ ދެ ޖަމިއްޔާއިން ވެސް ވާހަކަދައްކާކަށް ބޭނުމެއް ނުވެ އެވެ.

މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވިދާޅުވީ މިފަހަރުގެ ޓެކްސްތައް ބޮޑުކުރަން ނިންމިއިރު އެ ޖަމިއްޔާގެ ބޯޑާ ސަރުކާރުން މަޝްވަރާކުރި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ނިންމުން މިއައީ އެ ޖަމިއްޔާއިން ބޭނުންވި ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅުވާން އޭނާ ބޭނުމެއް ނުވި އެވެ.

"މިކަން ނިންމިއިރު މިކަމާ ގުޅިގެން އަޅުގަނޑުމެންގެ ބޯޑާ މަޝްވަރާ ކުރި. އަދިވެސް ޑިސްކަޝަންތަކެއް ކުރިޔަށް ދަނީ،" ސޫޒަން ވިދާޅުވި އެވެ.