މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ޑަބްލިއު މޯލްޑިވްސް އާއި ޝެރެޓަން މޯލްޑިވްސް މަރާމާތުކުރަން ކުރަން އަގު ބޮޑު މަޝްރޫއެއް ފަށައިފި އެވެ.

ކުރިން ޔުނިވާސަލް ރިސޯޓްސްގެ ދެ ރިސޯޓު މިހާރު ވަނީ އެމެރިކާގެ ޕްރައިވެޓް އިކުއިޓީ އިންވެސްޓްމަންޓް ގްރޫޕް ކޭއެސްއެލް ކެޕިޓަލް ޕާޓްނާސް އަށް ވިއްކާލައިފަ އެވެ.

ކޭއެސްއެލް އިން ބުނީ އެ ދެ ރިސޯޓުގެ މަރާމާތުގެ މަސައްކަތްތަކަށް 21 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ޑަބްލިއު މޯލްޑިވްސް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ރިސޯޓު މި އަހަރުގެ ފަހުކޮޅު އަލުން ހުޅުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޝެރެޓަން މޯލްޑިވްސް ވެސް މަރާމާތު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކޭއެސްއެލް އިން 2022 ވަނަ އަހަރު އެ ތަންތަން ގަނެފައި ވަނީ މެރިއޮޓް އިންޓަނޭޝަނަލް އާއި ޔުނިވާސަލް އެންޓަޕްރައިސަސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުންނެވެ. މި އެއްބަސްވުމުގެ ތެރޭގައި ދެ ރިސޯޓް ވެސް ހިންގުމުގައި ދެމިތިބުމަށް މެރިއޮޓުން އެއްބަސްވެފައިވެ އެވެ.

އއ. ފެސްދޫގައި ހިންގާ ޑަބްލިއު މޯލްޑިވްސްގައި 77 ބަންގްލޯ ހުންނައިރު، ގޮނޑުދޮށުގައި ނުވަތަ ފެނުގެ މަތީގައި، ޕްރައިވެޓް ބެލްކަންޏާއި އަމިއްލަ ޕޫލްތައް ހުރެ އެވެ. ވަށައިގެން ހިތްގައިމު ބޮޑު ފަރެއް އޮންނަ ރިސޯޓުގައި ހަ ފުޑް އެންޑް ބެވަރޭޖް އައުޓްލެޓާއި ސްޕާއެއް ހުރެ އެވެ.

ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަކީ އާއިލީ ޗުއްޓީ ހޭދަކޮށްލަން ހާއްސަ ރިސޯޓެކެވެ. މި ރިސޯޓުގައި 176 ވިލާ ހިމެނެ އެވެ. އޭގެ ތެރޭގައި ބީޗް އަދި ވޯޓާ ބަންގްލޯތައް ހިމެނެ އެވެ. ގެސްޓުންނަށް ޕޫލާއި ހަތް ރެސްޓޯރެންޓާއި ބާއާއި ސްޕާއަކާއި ޓެނިސް ކޯޓާއި ކިޑްސް ކްލަބެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.

ކޭއެސްއެލްގެ ހިއްސާ އޮންނަ އިތުރު ހަތަރު ރިސޯޓެއް ރާއްޖޭގައި ހިންގަ އެވެ. އެއީ އައުޓްރިގާ މާފުށިވަރު، ސޮނޭވާ ފުށި، ސޮނޭވާ ޖާނީ އަދި ދާދި ފަހުން ތަރައްގީކޮށް ހުޅުވި ހދ. ސޮނޭވާ ސީކްރެޓް ހިމެނެ އެވެ.