ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މަރުކަޒީ ބޭންކު، އެމްއެމްއޭގައި ރާއްޖޭގައި އޮޕަރޭޓްކުރާ އެއް ރިސޯޓު ފިޔަވައި އެހެން ހުރިހާ ރިސޯޓަކުން ރަޖިސްޓަރީ ވެއްޖެ އެވެ.
ރާއްޖޭގައި މިހާރު ހިންގަމުން އަންނަނީ 174 ރިސޯޓެވެ. ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވަނީ ކޮން ރިސޯޓަކުން ކަމެއް އެ ބޭންކުން ހާމައެއް ނުކުރެ އެވެ.
ބޭރުފައިސާއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފެށީ މިދިޔަ އޮކްޓޫބަރުން ފެށިގެންނެވެ. އަދި އޭގެ ފަހުން ވެސް ޓީޖީއެސްޓީއަށް ރަޖިސްޓަރީވާ ފަރާތެއްނަމަ އެ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ވުމަށް 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ.
މި ގަވާއިދުގެ ސަބަބުން ރިސޯޓްތަކަށް ގެއްލުންވާ ކަމަށް ފާހަގަކޮށް، މި ގަވާއިދު އުވާލުމަށް ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗާމްޕާ މުހައްމަދު މޫސާ ވަނީ އެމްއެމްއޭގައި އެދިފަ އެވެ.
މުހައްމަދު މޫސާ ސޮއިކުރައްވައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރަށް ފޮނުވި ސިޓީގައި ވަނީ އެ ގަވައިދުގައި ކަނޑައަޅާފައިވާ ގޮތަށް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދައިން އަމަލުކުރުމަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
މުހައްމަދު މުސާ ވިދާޅުވީ އެމްއެމްއޭއިން ނެރުނު އެ ގަވާއިދުގެ ސަބަބުން ރިސޯޓްތަކަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހޭ ކަމަށެވެ. ނަތީޖާއެއްގެގޮތުން ރިސޯޓްތަކަށް މާލީގޮތުން ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކި ފަންތީގެ ރިސޯޓްތަކުގެ އެވްރެޖް ޑެއިލީ ރޭޓް ތަފާތު ނަމަވެސް އެމްއެމްއޭގެ އާ ގަވައިދުގައި އެކަމަށް ބެލުމެއް ނެތި ހުރިހާ ރިސޯޓްތަކުން އެއްވަރަކަށް ބޭރު ފައިސާ މާރުކުރަން ވަނީ މަޖުބޫރުކޮށްފައި. އަދި މިއީ ރިސޯޓް ވިޔަފާރި ހިނގާ އުސޫލުތަކާ ދިމާނުވާ ގަވާއިދެއް. މިކަމުގެ ސަބަބުން ހާއްސަކޮށް ދަށް ފަންތީގެ ރިސޯޓްތަކަށް އުފުލަން ޖެހޭ މާލީ ގެއްލުން ބޮޑުވާނެ،" މުހައްމަދު މޫސާގެ ސިޓީގައިވެ އެވެ.
މުހައްމަދު މޫސާ ވިދާޅުވީ ސަރުކާރުގެ އެ ނިންމުމަށް އަމަލުކުރަން ޖެހޭނަމަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ވިޔަފާރިވެރިންނަށް މަޖުބޫރުވާނެ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ޖެހިދާނެ ކަމަށާއި އެމަކުގެ އަސަރު މުޅި އިގްތިސާދަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ދިގު މުއްދަތެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބޭ ފައިދާ ދަށްވެ، އިންވެސްޓަރުންގެ އިތުބާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުމަކީ ވެސް އެ ގަވާއިދަށް އަމަލުކުރުމުގެ ނޭދެވޭ ނަތީޖާއެއް ކަމަށް ވެސް އޭނާގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.