ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު މިއަދުން ފެށިގެން ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް ބޮޑު ވާނެ އެވެ.
މި ބަދަލާ އެކު، ބިދޭސީންގެ އަތުން ނަގަމުން އައި 30 ޑޮލަރުގެ ބަދަލުގައި މިހާރު ނަގާނީ 50 ޑޮލަރެވެ. ނަމަވެސް އިކޮނޮމީ ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސްއަށް ބަދަލެއް ނާދެ އެވެ.
މީގެ އިތުރުން، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުވެފައިވާއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް އިތުރުވެފައިވެ އެވެ.
އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ފަރާތްތަކަށެވެ. މިގޮތުން، ކުރިން 120 ޑޮލަރު ނަގަމުން އައި ތަނުގައި މިހާރު ނަގާނީ 480 ޑޮލަރެވެ. މިއީ 300 ޕަސެންޓުގެ އިތުރުވުމެކެވެ.
މި ބަދަލުތަކާ ގުޅިގެން، މިއަދުން ފެށިގެން ދަތުރުކުރާ ފަރާތްތަކުގެ ޓިކެޓުން މި އަދަދުތައް ޗާޖުކުރަން ފަށާނެ ކަމަށް ވަނީ އިޢުލާނުކޮށްފަ އެވެ. އަދި މި އަދަދުތަކާ އެއްގޮތަށް ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ވެސް ނެގޭނެ އެވެ.
މި ބަދަލުތަކުގެ ސަބަބުން ޑިޕާޗާ ޓެކްސްއިން ލިބޭ ޑޮލަރުން ރާއްޖޭގެ ރިޒާވް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް އިތުރުވާ އަދަދު މިހާރެކޭ އެއްގޮތަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރުމަށް ވަނީ ނިންމާފަ އެވެ.