ބޭރު ފައިސާގެ ރިޒާވުގެ ހާލަތު ރަނގަޅު ވާނެ ކަމަށް ބަލައި، ރާއްޖޭގެ ރޭޓިން "ސީއޭއޭ2" ގައި ދަމަހައްޓަން މޫޑީސް ރޭޓިން އެޖެންސީން ނިންމައިފި އެވެ.
މޫޑީސްއި ން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1 އިން ސީއޭއޭ2 އަށް މިދިޔަ ސެޕްޓެމްބަރު މަހު ދަށްކޮށްފަ އެވެ.
މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށް ވުރެ ހަރުދަނާކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ. އެގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްތައް ބޮޑުކުރުމަށް ގާނޫނުތަކަށް ގެނައި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް މޫޑީސްއިން ދެކެ އެވެ.
ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސް ހޯދުމުގައި މިދިޔަ ދުވަސްތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް މޫޑީސް އިން ފާހަަގަކުރެ އެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު، ރާއްޖެއާއި އިންޑިއާއާ އެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކޮށްފައިވުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކޮށްފައިވާ މުހިއްމު ކަމެއްގެ ގޮތުގައި މޫޑީސް އިން ދެކެ އެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވެގެން ދިއުމާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެ ކަމަށްވެސް މޫޑީސް އިން ލަފާކުރެ އެެވެ. އެހެން ނަމަވެސް ކުރިއަށް އޮތް 12-18 މަސް ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ދިވެހި ދައުލަތުން އަދިވެސް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް މޫޑީސް އިން ދެކޭތީވެ ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މޫޑީސް އިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިހާރު އެކަށައަޅާފައިވާ ކްރެޑިޓް ރޭޓިން ކުރިއަށް އޮތް ދުވަސްތަކުގައި އެ މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާ ވާނީ ރާއްޖޭގެ ސަރުކާރަށް ބޭރު ފައިސާ އިން ފައިސާ ހޯދޭ މިންވަރާއި، 2025 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށެވެ.
މޫޑީސްގެ ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ އެޖެންސީގެ ރޭޓިން ބަލައިގަނެ، ސަރުކާރުން އަޅާފައިވާ އަދި އަޅަން ރާވާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބުނެފައި ވެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ ތެރޭގައި ހަރަދުކުޑަކުރަން ރާވާފައިވާ ސަބްސިޑީ ޓާގެޓު ކުރުމާއި ދައުލަތުގެ ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތަށް އަލިއަޅުވާލާފައި ވެ އެވެ.
ކޮންމެ ބަޔަކުވެސް ދައުލަތުން ކުރަނީ ވައްކަން....މިސަރުކާރުގެ ވައްކަން ވެސް އެހާބޮޑު...ކުރީ ސަރުކާރު ތަކުން ވެސް ކުރީ ވައްކަން...ޤުރުއާނާ ކައިރިއަށް ވެރިކަން ކުރަން ވަކާލާތު ކުރާ މީހަކު ގެނެސްގެން މިކަން ވާނީ.