ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ކުރީގެ ރަންވޭ ބޭނުންކުރަން، އެ ރަންވޭ އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެނެވެ. މި މަސައްކަތުގެ އަގެއް އެ ކުންފުނިން ހާމަައެއް ނުކުރެ އެވެ.

ކުރީގެ ރަންވޭ މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 24ގަ އެވެ.

ވީއައިއޭ ކުރީގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ހުޅުލޭ އައިލެންޑު ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓެކްސީވޭ ޗާލީ ތަރައްގީކޮށް ނިމޭއިރު އެއާޕޯޓުގެ އޮޕަރޭޝަންސް އިތުރަށް ފުޅާކުރެވި، ފްލައިޓް ޓާން އެރައުންޑް ޓައިމް ކުޑަކޮށް، ޚިދުމަތް އަވަސްކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

"މި ރަންވޭގެ ސަބަބުން ކޮމާޝަލް އެއާރލައިންގެ އެވަރެޖް ޓާންއެރައުންޑް ވިހި މިނިޓު ކުޑަކުރެވޭނެ. ރަންވޭގެ މަސައްކަތް ކުރާއިރު ރަންވޭގެ ބައެއް ބަންދު ކުރެވިގެންދާނެ. އެހެން ނަމަވެސް އެއާލައިންތަކާ ވާހަކަދައްކައިގެން އޮޕަރޭޝަނަށް ބުރުނާރާނެ ފަދަގޮތަކަށް މަސައްކަތް ކުރިއަށްގެންދާނެ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތާއެކު އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ކުއްލި ހާލަތެއްގައި މަތިންދާބޯޓު ޖައްސާނެ ރަންވޭއެއްގެ ގޮތުގައި ވެސް ކުރީގެ ރަންވޭ ބޭނުން ކުރެވޭނެ ކަމަށެވެ.

ވީއައިއޭގައި ކުރިން ބޭނުންކުރި ރަންވޭ ބޭނުންކުރުން އެއްކޮށް ހުއްޓާލީ 2022 ވަނަ އަހަރު އައު ކޯޑް-އެފް ރަންވޭ ބޭނުން ކުރަން ފެށުމަށްފަހު އެވެ. މިއާއެކު އެންމެ ކުރީގެ ރަންވޭ ބޭނުން ކުރަމުންދިޔައީ ޓެކްސީ ވޭއެއްގެ ގޮތުގަ އެވެ. މި ރަންވޭގެ ދިގުމިނުގައި 3200 މީޓަރު ހުރެ އެވެ.