އައްޑޫ ޝަންގްރިލާ ވިލިނގިލި ރިސޯޓް މަރާމާތުކޮށް އަލުން ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން ޝަންގްރިލާ މެނޭޖްމަންޓާ މަޝްވަރާކޮށްފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި ޝަންގްރިލާގެ އިސް މެނޭޖްމަންޓާ ދެމެދު އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މި ބައްދަލުވުމުގައި މިނިސްޓަ ތޯރިގު އިބްރާހީމް ގެ އިތުރުން މިނިސްޓަ އޮފް ފިނޭންސް މޫސާ ޒަމީރު އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޝަންގްރިއްލާގެ ފަރާތުން ޝަންގްރިއްލާ ގްރޫޕުގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފާ ފޮންގްގެ އިތުރުން ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރު ނިލޯ އަދި ޑިރެކްޓަ އޮފް ގަވަމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު އަބްދުﷲ އާއި ޝަންގްރިއްލާގެ ފަސް ސީނިއަ އެގްޒެކެޓިވުން އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.
ބައްދަލުވުމުގައި ޝަންގްރިއްލާ ރިސޯޓު ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި ޝަންގްރިއްލާ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފާ ފޮންގް ވަނީ ރިޒޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަޕްޑޭޓް ދެއްވާފަ އެވެ. އަދި ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވެސް ވިދާޅުވި އެވެ.
މިއާއެކު މިކަމަށް މަގުފަހިކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވިފައިވާއިރު، މި މަޝްވަރާގެ ސަބަބުން، ރިސޯޓް އަލުން ހުޅުވުމަށް ތަފްސީލީ ރޯޑްމެޕެއް އެކުލަވާލައި ރިޒޯޓު ހުޅުވުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމެވުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެވަޑައިގެންނެވި އެވެ.
މީގެ އިތުރުންވެސް މި ބައްދަލުވުމުގައި، ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއިރު، ޝަންގްރިއްލާ ވިލިނގިލި ރިޒޯޓު އެންޑް ސްޕާ އަލުން ހުޅުވުމަކީ އައްޑޫގެ ފަތުރުވެރި ކަމަށާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއްކަން މަޝްވަރާގެ ބައިވެރިން ފާހަގަކުރެއްވި އެވެ.