މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ސިލްސިލާ އެވެއާނަސް ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާ ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮގްރާމްއަކީ އެ ކުންފުނީގެ ސަސްޓެއިނަބިލިޓީ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ އަމާޒުގައި މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކަމަށެވެ.
އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައި މިއަދު ބޭއްވި ސެޝަން ހާއްސަކޮށްފައިވަނީ "ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް ވޭސްޓް" ގެ މައުޟޫއަށެވެ. މި ސެޝަންގައި ނުރައްކާތެރި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ ކުނި މެނޭޖްކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ސެޝަން ނަންގަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަޖުރިބާކާރުންނެވެ. އެ ބޭފުޅުން ވަނީ ތިމާވެށި ހިމާޔަތްކުރުމުގައި ކުންފުނިތަކުގެ ދައުރާއި، ނުރައްކާތެރި ކުނި ނައްތާލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އެމްއޭސީއެލް "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ހަކަތައާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ސަސްޓެއިނަބަލް ގޮތެއްގައި ހިންގުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.