ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޕަސެންޖާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން މިއަދު ފަށައިފި އެވެ.

އަންނަ މަހުގެ 26 ގައި ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްގެ ކައުންޓްޑައުން ފަށާފައި މިވަނީ 35 ދުވަސް ކުރިންނެވެ.

އެއާޕޯޓްގެ ވީއައިޕީ ލައުންޖް ކުރިމަތީގައި މި ކައުންޓްޑައުން ފައްޓަވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

މިރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފް އާއި ކުންފުނީގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފެށުމުގެ ގޮތުން ސީއީއޯ ޝަރީފު ވާހަކަދައްކަވަނީ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ އާ ޓާމިނަލް ހުޅުވުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރުމަށާއި، މިކަމުގައި މިސާލު ދެއްކެވުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިޓާމިނަލް ހުޅުވުމުގެ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެމްއޭސީއެލުން ބުނީ މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށް ވުރެ އެތައް ގުނައެއް ބޮޑު، އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތްދެވޭނެ ތަނަވަސް ޓާމިނަލެއް ކަމަށާއި، އެއިރޯ ބްރިޖްއާއި، ސެލްފް ޗެކިން ސިސްޓަމް އާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިން ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްތަކުގެ ހިދުމަތް ޓާމިނަލުން ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ މިޓާމިނަލަކީ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރުއުތަކުގައި ހިމެނޭ އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫއުކަން ފާހަގަކޮށް އެމްއޭސީއެލުން ބުނީ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު މިޓާމިނަލް ހުޅުވިގެންދިޔުމަކީ ދިވެހިރާއްޖޭގެ މުޅި އިގްތިސާދަށް، ހާއްސަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެއް ކަމަށެވެ.