މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓާމިނަލަށް ފެން ފޯރުކޮށްދިނުމަށް ގާއިމުކުރި ޕައިޕްލައިން ސިސްޓަމް ރަސްމީކޮށް ހުޅުވައިފި އެވެ.
މި ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓާ އިބްރާހީމް ޝަރީފް މުހައްމަދެވެ. މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާ މުހައްމަދު ލަމްއާން އަދި ސީނިއާ މެނޭޖްމަންޓާއި އެމްއޭސީއެލް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމް ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޝަރީފް ވިދާޅުވީ އެއަރޕޯޓް ހިންގެވުމާ ހަވާލުވީއްސުރެ މިއަދާ ހިސާބަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ދެއްވަމުން ގެންދަވާ އިރުޝާދާއި އެހީތެރިކަމަށް އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށާއި، އެއާޕޯޓުގެ އައު ޓާމިނަލްގެ ކަންކަން މިހާހިސާބަށް ކާމިޔާބުކަމާއެކު މި ގެންދެވުނީ ރައީސް މުއިއްޒު އެމްއޭސީއެލްއަށް ދެއްވަމުން ގެންދަވާ ލަފަޔާއި، އެހީތެރިކަމާއި އިރުޝާދުގެ ތެރެއިންކަމަށެވެ.
އައު ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ މައި ދޮރޯއްޓަށް އެދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އިގްތިސާދީ މި މުހިންމު ވިއުގައަށް އެހީތެރިކަމާއި ތަރައްގީ ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެއްކަމަށާއި، އެމަނިކުފާނު މިމަސައްކަތަށް މުހިންމު އަހައްމިއްޔަތެއް ދެއްވަމުން ގެންދަވަނީ މި ސަބަބަށްޓަކައިކަމަށެވެ.
މިއަދު އިފުތިތާހު ކުރި ފެން ފޯރުކޮށްދޭ ޕައިޕްލައިން ސިސްޓަމަކީ 1،800 މީޓަރު ދިގު ސިސްޓަމެކެވެ. އޭގެ ތެރެއިން 635 މީޓަރު އަޅާފައިވަނީ ފަޅު ތެރޭގައެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމުންނެވެ.
މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ މި މަސައްކަތް އެމްއޭސީއެލްގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމާ ހަވާލުކުރީ އެ މަސައްކަތަކީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ މަސައްކަތަކަށް ވެފައި، ހަރަދުގެ ގޮތުން ކުންފުންޏަށް ފައިދާވާނެތީ ކަމަށާއި، އަދި އެމްއޭސީއެލްގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމުން އެ މަސައްކަތް ރެކޯޑު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާތީ އެކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.
ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. މި ޓާމިނަލްގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތަކުގެ ތެރޭގައި އެއާބްރިޖްތަކާއި، ސެލްފް ޗެކްއިން ކިއޮސްކްތަކާއި، އޮޓޮމޭޓެޑް ބެގޭޖް ހޭންޑްލިން ސިސްޓަމަކާއި، ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމެއް ހިމެނެ އެވެ.