އިމާރާތްކުރުމުގެ މަސައްކަތުގައި އިންޝުއަރެންސް ކަވަރޭޖެއް ހޯދަން މަޖުބޫރުވާގޮތަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް އިސްލާހެއް ގެނެސްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިއީ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ސަލާމަތާއި، މިފަދަ މަސައްކަތްތަކުން އުފެދިދާނެ ނުރައްކާތަކުން ރައްޔިތުންނާއި، މުދާ ހިމާޔަތްކުރުމަށްޓަކައި ގެނައި އިސްލާހެއް ކަމަށާއި، މި އިސްލާހަށް އަމަލު ކުރަން ފަށާނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.
މިގަވާއިދުގެ 21 މާއްދާގެ (ނ) އަށް އިސްލާހުގެނެސް އަދި 22 މާއްދާގެ (ށ) ގެ ފަހަތަށް ވަނީ ނަންބަރެއް އިތުރުކޮށްފައިވާއިރު، 21 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާއިރު ވަށައިގެންވާ މާހައުލާއި މަސައްކަތު މީހުންނާއި ހިނގާބިގާވެ އުޅޭ ފަރާއްތަކާއި މީހުންގެ މުދަލާއި އެއްގަމު އުޅަނދު ފަހަރަށް ލިބިދާނެ ގެއްލުމުގެ ބަދަލު ދިނުމައްޓަކައި މިކަންކަން ހިމެނޭގޮތައް އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިމާރާތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތުން ކުރަމުންދާ މަސައްކަތުގެ އަގަކީ ފަނަރަ ލައްކަ ރުފިޔާ ނަމަ ނުވަތަ އެއަށްވުރެއް ބޮޑު ނަމަ އެ މަސައްކަތައް އިންޝިއުރަންސް ހޯދަން ވާނެ އެވެ.
މިއާއެކު 22 މާއްދާގެ (ށ) ގެ ފަހަތަށް އިތުރުކުރި ނަންބަރުގައިވާގޮތުން އިމާރާތްކުރުމުގެ ޕްރޮޖެކްޓް ލައިސަންސް ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލަކީ، އިންޝުއަރަންސް ކުރިކަމުގެ ލިޔުން، ޕްރޮޖެކްޓް ލައިސަންސް ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނުން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އިމާރާތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށާއި އާންމުންނަށް ލިބިދާނެ ނުރައްކާތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިނިސްޓްރީން ވަނީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާހައުލާއި، މަސައްކަތު މީހުންނާއި، އިމާރާތްތަކާއި، ބިނާތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށް ޓަކައި، ކޮންމެ މަޝްރޫއަކަށް ކަވަރޭޖް ލިބޭގޮތަށް އިންޝުއަރަންސް ކަވަރޭޖެއް ހޯދުން މަޖުބުރޫކޮށްފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މީގެ ސަބަބުން، އިންޝުއަރަންސް ނެގުމުގެ ގަވާއިދު ހަރުދަނާވެ، ކޮންމެ އިމާރާތްކުރުމުގެ މަސައްކަތެއްވެސް ހުއްދަ ލިބުމުގެ ކުރިން އިންޝުއާ ކޮށްފައިވާކަން ކަށަވަރުކުރެވޭނެ އެވެ.