ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ 70 ޕަސެންޓް މަސައްކަތް ނިންމީ މި ސަރުކާރުން ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު ނިމިފައި ވަނީ އާ ޓާމިނަލްގެ 30 ޕަސެންޓް މަސައްކަތް ކަމަށެވެ.

އާ ޓާމިނަލްގެ މަސައްކަތް އަވަށް ނިންމުމަށް ލަފާފުޅާއި އިރުޝާދު ދެއްވި ކަމަށްޓަކައި ޝަރީފް ވަނީ ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.

"އަޅުގަނޑުމެންގެ މާލިމީ ބަދަލުވެ ދިވެހިންގެ ހުއްރިއްޔަތުގެ ދަންމަރު މިހާރު އުފުއްލަވަމުން އެ ގެންދަވަނީ ކުޅަދާނަ އަތަކުން. އެ މާލިމީގެ ބުއްދިން އެ މާލިމީ ދުށީ ދިވެހިންގެ ވައިގެ ބަނދަރު ބޮޑުވެ، ބިޔަވެ ހިދުމަތުން ފުޅާވެގެން ދާ މަންޒަރު،" ރައީސް މުއިއްޒަށް ތައުރީފް ކުރައްވައި ޝަރީފް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ހުރީ ހިޔާކޮށްފައި ހުރި ފާރުތަކެއް ކަމަށާއި ހަލުވިކަމާއެކު މަަސައްކަތް ނިންމުމުގައި އެމްއޭސީއެލްގެ މުވައްޒަފުންގެ ދައުރު ވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ސަލާން ކުރައްވަނީ --- ފޮޓޯ: އެމްއޭސީއެލް

"ކަރަންޓު ދެވޭނެ ގޮތެއް ނެތް، ކަރަންޓުގެ ވިއުގައެއް ވެސް ނެތް، ނަރުދަމާގެ ނިޒާމެއް ނެތް، ފެން ހިންދާނެ ގޮތެއް ނެތް، ތަނަށް ބޭނުންވާ 12 މެގަވޮޓްގެ ކަރަންޓުގެ ނިޒާމު އުފަންކުރީ މި ވައިގެ ބަނދަރު އުފެއްދި ހީވާގި އަތްތަކުން،" ޝަރީފް ވިދާޅުވިއެވެ.

އާ ޓާމިނަލުން ފޯރުކޮށްދޭ ހިދުމަތްތައް

  • ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރު ގާއިމްކުރެވިފައިވޭ
  • ސެލްފް ޗެކިން ހަ ކިއޯސްކްއިމިގްރޭޝަން ކްލިއާކުރުމަށް 20 ކައުންޓަރެއް ހުންނާނެ
  • ކެއިން ބުއިމަށާއި ޑިއުޓީ ފްރީއަށް ޚާއްސަ ސަރަހައްދެއް
  • ޓާމިނަލުގެ ތެރޭގައި ހިނގާބިނގާވެ އުޅުން ފަސޭހަކުރުމަށްޓަކައި ވޯކަލޭޓާތަކާއި އެސްކެލޭޓަރުތައް ހަރުކޮށްފައި ހުންނާނެ. އެއީ ހަތަރު ވޯކަލޭޓަރަކާއި 14 އެސްކެލޭޓަރު
  • ސީދާ ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް
  • ރާއްޖެއަށް އަންނަ މީހުންނަށް އިމިގްރޭޝަންގެ 28 ކައުންޓަރު ހުންނާނެ
  • ޖާގައިގެ ގޮތުން ތަނަވަސް ސަރަހައްދެއްގައި ބެގޭޖް ކްލިއާކުރުމަށް ހަތަރު ބެލްޓެއް ގާއިމްކުރެވިފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްގެންދިޔައީ ސައުދީ ފަންޑާއި އަބޫދާބީ ފަންޑާއި ކުވައިތު ފަންޑާއި އޯޕެކް ފަންޑުގެ ލޯނު އެހީގެ ދަށުންނެވެ.