ބ. ކިހާދުއްފަރުގައި ހިންގި ރިސޯޓްގެ ހުއްދަ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އެފަދަ އަމުރެއް ސިވިލް ކޯޓުން ނެރުނީ އަތަމާ މެރިން އިންޓަނޭޝަނަލްއިން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ ކުންފުނިން އެފަދަ އަމުރަކަށް އެދުނީ ޓޫރިޒަމް މިނިސްޓްރީގެ ޓީމަކުން ރިސޯޓަށް އަރައި ރިސޯޓްގެ ތަޅުދަނޑިތައް ހަވާލުކުރަން އެންގުމުންނެވެ.

އަތަމާއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް އެ ރިސޯޓް ނުފެތޭކަން ޓޫރިޒަމް މިނިސްޓްރީން އެ ކުންފުނީގެ ސަމާލުކަމަށް އެކަން ގެނައި ދުވަހުން ފެށިގެން، ރިސޯޓުގައި ހުރި މައްސަލަތައް ރަނގަޅުކުރަމުން އަންނަ ކަމަށެވެ. އަދި އެތަން ހިންގުމުގައި ދަތިތަކެއް ދިމާވީ ކޮވިޑާ ގުޅިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކިހާދުއްފަރުގައި ރިސޯޓު ތަރައްގީ ކުރީ އަތަމާއިންނެވެ. އެކަމަކު އެ ތަން ހިންގަނީ ކޮރަލް އައިލެންޑް ރިސޯޓްސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ސަބްލީސް ކޮށްގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ ކަންކަން ރަނގަޅުކުރުމަށް ފުރުސަތު ދީ ވަގުތީ ލައިސަންސެއް ވެސް އެ މިނިސްޓްރީން ދިން ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 27، އެ މުއްދަތު ހަމަވިއިރު ކަންކަން އިސްލާހުނުކޮށް ރިސޯޓްގައި ފަތުރުވެރިން ބައިތިއްބަމުން އަންނަ ކަމަށެވެ.