ސަބްސިޑީ ދޭން މިދިޔަ އަހަރަށް ބަޖެޓު ކުރި 1.8 ބިލިއަން ރުފިޔާ ހުސްވެ އިތުރަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުންނެވެ.
މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ ކަނޑައެޅިޔަސް، ޑިސެމްބަރު 31ގެ ނިޔަލަށް 3.4 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހޭދަކޮށްފައިވާ ކަމަށް ފިސްކަލް ރިޕޯޓުން ދައްކަ އެވެ.
އާސަންދައިގެ ހަރަދުތައް ކުޑަނުވާކަން ވެސް އެ ރިޕޯޓުން އެނގެ އެވެ. މިދިޔަ އަހަރު އާސަންދައަށް 1.8 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އެ އަދަދަށް ވުރެ އިތުރަށް 735 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަކުރި ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.
ސަބްސިޑީ ބަޖެޓު ހުސްވީ، މިދިޔަ އަހަރުގެ ބަޖެޓުގައި ރޭވި ގޮތަށް ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދޭ ގޮތަށް ސަރުކާރުން އުސޫލުތައް ބަދަލުނުކުރުމުންނެވެ.
ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިތުރުުމާއި ސިޔާސީ މުވައްޒަފުން އިތުރުވުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ.

