ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުގެ ކެޕިޓަލް ހަރަދުތައް ހަމަޖެއްސުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.
އެ ކުންފުނިން ނެގި މި ލޯނަކީ ލަންކާގެ އެންޑީބީ އިންވެސްޓުމެންޓް ބޭންކް މެދުވެރިކޮށް ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށް ހަމަޖައްސާފައިވާ ލޯނެކެވެ.
ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މުއާމަލާތުގައި އިސްކޮށް ހަރަކާތްތެރިވީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކު (އެޗުއެންބީ) އެވެ. މީގެ އިތުރުން ނެޝަނަލް ޓްރަސްޓު ބޭންކާއި ހަބީބް ބޭންކުގެ ރާއްޖޭގެ ބްރާންޗު ވެސް މި މުއާމަލާތުގައި ބައިވެރިވެފައިވެ އެވެ.
މި މުއާމަލާތާ ގުޅޭ ގޮތުން އެންޑީބީ އިންވެސްޓުމެންޓް ބޭންކްގެ ސީއީއޯ ހަރްޝަނާ ޖަޔަވީރަ ވިދާޅުވީ، ރާއްޖޭގެ މާކެޓަކީ އެ ކުންފުންޏަށް ފަރިތަ މާކެޓަކަށް ވެފައި، މިފަދަ މުއާމަލާތްތައް ހިންގުމުގެ ތަޖުރިބާ އެ ކުންފުނީގައި ހުރި ކަމަށެވެ.
އެންޑީބީ އިންވެސްޓުމެންޓް ބޭންކަކީ މީގެ ކުރިން ވެސް ރާއްޖޭގެ ބޮޑެތި މުއާމަލާތްތަކުގައި އެހީތެރިވެފައިވާ ކުންފުންޏެކެވެ. އެގޮތުން އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ އާންމުންނަށް ވިއްކުމުގައި އެޑްވައިޒަރެއްގެ ގޮތުގައި އެ ކުންފުނިން މަސައްކަތް ކޮށްފައިވެ އެވެ. އަދި ހަކަތައިގެ ދާއިރާގެ ކުންފުންޏަކަށް ބޭނުންވާ 28 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ހޯދައިދިނުމުގައި ވެސް އެ ކުންފުނިން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެންޑީބީ އިންވެސްޓްމަންޓް ބޭންކުގެ ސީއޯއޯ ކޯޝިނީ ލަކްޝްމަނަގޭ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް މިވަގުތު މާލީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގާނޫނީ ލަފާދޭ ކުންފުނިތައް ކަމަށްވާ ލަންކާގެ އެފްޖޭ އެންޑް ޖީ ޑި ސަރާމް އަދި ރާއްޖޭގެ އެސްއެޗުސީ ލޯ އެންޑް ޓެކްސް އެލްއެލްޕީގެ އެހީތެރިކަމާ އެކު މި މުއާމަލާތް ވަނީ ކާމިޔާބުކަމާ އެކު ނިންމާލެވިފަ އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭއިރު، މީގެ ކުރިން ސައުދީ ފަންޑާއި ކުވެއިތު ފަންޑުން ވެސް ވަނީ މި މަޝްރޫއަށް ލޯނު ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި 26 އިން ފެށިގެން އެއާޕޯޓުގެ އިންޓަނޭޝަނަލް ހުރިހާ ދަތުރުތަކެއް ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފައެވެ.
މި ލޯނު މުއާމަލާތާ ގުޅޭ ގޮތުން އެމްއޭސީއެލް އިން ނުވަތަ ސަރުކާރުން ރަސްމީކޮށް އަދި ބަހެއް ބުނެފައެއް ނުވެއެވެ.

