ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތައް މާދަމާއިން ފެށިގެން، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަހު ވީއައިއޭ އާ ޓާމިނަލް އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ހުޅުވާފައިވާއިރު، ފިޔަަވަހިތަކަކަށް ބަހާލައިގެން ބޭރުގެ ހުރިހާ ދަތުރެއް ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން ޓާމިނަލް ދެއަކަށް ބައެއް ބަދަލުތައް ގެނެސް ކުރަން ޖެހޭ މަރާމާތެއް ވަނީ ކޮށްފަ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއާޕޯޓުން ކުރާ އެތެރޭގެ ހުރިހާ ދަތުރުތަކެއް ޓާމިނަލް ދެއަކަށް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ. އެ ގޮތުން މާދަމާ އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިންް މުހައްމަދު ލަތީފެވެ.
މާދަމާއިން ފެށިގެން ޑޮމެސްޓިކްގެ ހުރިހާ ވައިގެ ދަތުރުތަކެއް ކުރާނީ އެ ޓާމިނަލުން ކަން އެމްއޭސީއެލް އިން ވަނީ ބުނެފައިވާއިރު، ޑޮމެސްޓިކް ވައިގެ ދަތުރުތައް ޓާމިނަލް 2 އަށް ބަދަލުކުރުމާ އެކު، ކުރީގެ ޑޮމެސްޓިކް ޓާމިނަލް މާދަމާ ބަންދުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް ކުރަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މަންޓާ އެއާ އަދި ވިލާ އެއާ އިންނެވެ.
ވެލާނާ އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހަދަން މީގެ 12 ވަރަކަށް އަހަރު ކުރިން ފެށި ބިޔަ މަސައްކަތް އެއްކޮށް ނިންމާލައި މިދިޔަ ޖުލައި 26 ވަނަ ދުވަހު އެ ޓާމިނަލް ރަސްމީކޮށް ހުޅުވައި ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އެ ޓާމިނަލުން 40 އަށް ވުރެ ގިނަ އެއާލައިނަކަށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.
އާ ޓާމިނަލުގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕުން ފެށީ 2016 ވަނަ އަހަރު އެވެ. މަސައްކަތް ފެށީ 300 މިލިއަން ޑޮލަރުން ނިންމާ ގޮތަށް ކަމަށް ވިޔަސް އެ މަސައްކަތް ނިމުނު އިރު ޕްރޮޖެކްޓްގެ އަގު 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް އެރި އެވެ.

