މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ގެންގުޅޭ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް މިއަދު ބާޒާރަށް ނެރެ، ދައުރު ކުރަން ފަށައިފި އެވެ.

އެމްއެމްއޭއިން މިއަދު ބުނީ އެ ފައިސާއަކީ އިގުްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށް ބިނާކޮށާއި އެމްއެމްއޭއަށް ލިބޭ ބާވެ، ހަލާކުވެފައިވާ ނޫޓުތައް އާކުރަން ނެރޭ ބެޗެއް ކަމަށެވެ.

މަރުކަޒީ ބޭންކުން ބުނީ ބާޒާރަށް ނެރުނު ފައިސާގެ ތެރޭގައި ހިމެނެނީ މި މަހުގެ ދެވަނަ ދުވަހު އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، މިދިޔަ އާދިއްތައިގައި ލިބުނު 20 ރުފިޔާގެ ނޫޓުތައް ކަމަށެވެ.

އެ ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި އަލަށް ނެރުނު ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ.

ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއްކަން ވެސް އެ އޮތޯރިޓީން ފާހަގަކުރި އެވެ.

އެމްއެމްއޭއިން ބުނީ، މި ފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް މުހިންމު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން 20 ރުފިޔާގެ އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެއީ ނޫޓުގެ މޫނުމަތީގެ ވާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުގައި އާއި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އެވެ.

މީގެ އިތުރުން، ޖުލައި 7، 2024 ގެ ތާރީހުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާ އެއްގޮތަށް 100 ރުފިޔާގެ މި އާ ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީ ވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އަދި އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެ އެވެ.