އިޒްރޭލާއި އެމެރިކާ އިސްވެ އޮވެ، އީރާނަށް ހަމަލާތައް ދެމުން ގެންދިއުމާއި ގުޅިގެން މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް މިއަދު އަންނަން އޮތް 14 ފްލައިޓެއް ކެންސަލް ވާނެ ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، އެ ސަރަހައްދުން ރާއްޖެ އަންނަ ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލްވެސް އިއްޔެ އޮތީ ތޮއްޖެހިފަ އެވެ.
އެހެން ދިމާވީ ޔޫއޭއީ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވައިގެ ސަރަހައްދު ބަންދު ކުރުމާ ގުޅިގެންނެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ރޫޓަކީ މެދުއިރުމައްޗެވެ.
'އޭވިއޭޓާސް މޯލްޑިވްސް' އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރާއްޖެ އަންނަން މިއަދު ހަމަޖެހިފައި އޮތް 12 ފުލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. އޭގެ ތެރޭގައި އަބޫދާބީން ރާއްޖެ އަންނަން އޮތް އިއްތިހާދު އެއާވޭސްގެ ދެ ފުލައިޓަކާއި ބަހްރައިނުން އަންނަން އޮތް ގަލްފް އެއާގެ ފުލައިޓަކާއި ދުބާއީން އަންނަން އޮތް ފްލައިދުބާއީގެ ދެ ފުލައިޓަކާއި ޤަތަރުގެ ދޯހާއިން އަންނަން އޮތް ޤަޠަރު އެއާވޭސްގެ ފުލައިޓެއް ހިމެނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ އިނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ލިޔުއްވާފައިވާ ގޮތުގައި، ވީއައިއޭއަށް މިއަދު އަންނަން ހަމަޖެހިފައި އޮތް 14 ފުލައިޓެއް ކެންސަލްވުން އެކަށީގެން ވެއެވެ.
ފިރާޤްގެ ޕޯސްޓުގައި ވަނީ، މިކަމުން ދައްކައިދެނީ މެދުއިރުމަތީގެ ހާލަތު ނާޒުކު ކަމާއި، ރާއްޖޭން ބޭރުގައި ހިނގާ އެކި ކަންކަމުގެ ސަބަބުން އެކި ގޮތްގޮތަށް އަސަރުކުރާ ކަން ކަމަށެވެ.
ރާއްޖެއަކީ މައިގަނޑުގޮތެއްގައި ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވައި ފިރާޤް ވިދާޅުވީ ގައުމުގެ ތަރައްގީގެ ޕްލޭންތައް ބިނާކުރަންވާނީ ދިމާވެދާނެ މިފަދަ ކުއްލި ހާލަތްތަކުން އަރައިގަނެވޭނެ ގޮތަށް ކަމަށެވެ.
އޭނާ ވަނީ، މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސަރުކާރުގެ އިދާރާތަކާއި ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާއި އާންމުންގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
އިޒްރޭލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފަ އެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
ހާލަތު މިހާ ނާޒުކުވެފައިވާ މި ދަނޑިވަޅުގައި ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު 1،400 އެއްހާ ފަތުރުވެރިން ނުފުރިފައި އެބަ ތިއްބެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.

