ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ފެބުރުވަރީ މަހު އާމްދަނީގެ ގޮތުގައި ޖުމުލަ 2.80 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.8 ޕަސެންޓް ދަށް އަދަދެކެވެ. އަދި، ފެބުރުއަރީ 2026 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 11.6 ޕަސެންޓް ދަށް އަދަދެކެވެ.
މީރާއިން ބުނިގޮތުގައި ފެބުރުއަރީ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓުތަކުގެ ކުލިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ.
މީގެ އިތުރުން އާމްދަނީ ދަށްވުމުގެ މައިގަނޑު އަނެއް ސަބަބަކީ ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާއި ދިމާވުމުގެ ސަބަބުން، މާޗު މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކޮށްފައި ވާތީ އެވެ. ނަމަވެސް، މިދިޔަ ފެބުރުއަރީގައި އެޑްވާންސްކޮށް ދައްކާފައިވާ ޕޭމަންޓްތައް ވަނީ ފެބުރުއަރީ 2025 އާ އަޅާބާލާއިރު އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.
އެ އިދާރާއިން ބުނިގޮތުގައި މިދިޔަ ފެބުރުއަރީ އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ 11.6 ޕަސެންޓަށް ދަށްވެފައިވާ މައިގަނޑު އެއް ސަބަބަކީ ޖީއެސްޓީއިން ލިބުނު އާމްދަނީ ދަށްވުމެވެ. މީގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ ދަށްވުމަކީ ވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވުމުމުގެ ސަބަބެއް ކަމަށް މީރާއިން ބުނެ އެވެ.
މިދިޔަ ފެބުރުއަރީ ގައި ލިބިފައިވާ އާމްދަނީގެ 19.0 ޕަސެންޓަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށް މީރާ އިން ބުނެ އެވެ. އަދި އާމްދަނީގެ 16.9 ޕަސެންޓް ލިބިފައި ވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މީރާ އިން ބުނީ މިދިޔަ ފެބުރުވަރީގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޖުމްލަ 666 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން، އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 34 މިލިއަން ރުފިޔާ އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 5 މިލިއަން ރުފިޔާ ވަނީ ހޯދައިފައި ކަމަށް ވެސް މީރާއިން ބުނެ އެވެ.
މިދިޔަ ފެބުރުއަރީގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ (52.3 ޕަސެންޓް) ނުވަތަ 1.4 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ (21.4 ޕަސެންޓް) ނުވަތަ 599.2 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާ (7.2 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާ (4.8 ޕަސެންޓް)،އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 122.56 މިލިއަން ރުފިޔާ (4.0 ޕަސެންޓް) އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 196.34 މިލިއަން ރުފިޔާ (3.3 ޕަސެންޓް) ލިބިފައިވެ އެވެ.
މިދިޔަ ފެބުރުއަރީގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.85 މިލިއަން ޑޮލަރު ހިމެނެ އެވެ.

