އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފުޅާވުމުގެ ސަބަބުން، ކަނޑުމަގުން މުދާ އުފުލުމަށް ދިގު މުއްދަތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 އިންސައްތައަށްވުރެ މައްޗަށް އުފުލިއްޖެ އެވެ. މިއީ 2022 ވަނަ އަހަރުގެ މެދުތެރެއަށްފަހު ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ދުނިޔޭގައި ބޭނުންކުރާ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި މި ހަމަނުޖެހުންތައް ހިނގަމުންދާތީ، ހަކަތައިގެ ބާޒާރަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ. ތެޔޮ އުފުލާ ބޯޓުފަހަރުގެ ދަތުރުތަކަށް ހުރަސް އެޅުމާއި ސަލާމަތީ ނުރައްކާތައް އިތުރުވުމުގެ ސަބަބުން، މެދުއިރުމަތީގެ ތެލަށް ބޮޑަށް ބަރޯސާވާ އޭޝިއާގެ ގައުމުތަކަށް މީގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.
ބްރެންޓް ކްރޫޑްގެ އަގު ފީފާއަކަށް 24.96 ޑޮލަރު ނުވަތަ 27 އިންސައްތަ އިތުރުވެ، 119.50 ޑޮލަރަށް ވަނީ އަރާފަ އެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި ތެލުގެ އަގަށް އައި އެންމެ ބޮޑު ބަދަލެވެ. ހަމައެއާއެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ގެ އަގު 28.3 އިންސައްތަ މަތިވެ، ފީފާއަކަށް 116.62 ޑޮލަރަށް ވަނީ އުފުލިފަ އެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު ކުރޫޑްގެ އަގު %31.4 އަށް މައްޗަށް ގޮސް ފީފާއަކަށް 119.48 ޑޮލަރަށް އެރިއިރު، ބްރެންޓް ކުރޫޑްގެ އަގު %29 އަށް އުފުލި ފީފާއަކަށް 119.50 ޑޮލަރަށް އަރާފައި ވެއެވެ. ހޯމަ ދުވަހު އަގުތަކަށް އައި މި ބޮޑު ބަދަލުގެ ކުރިން، ނިމިދިޔަ ހަފުތާގައި ވެސް ބްރެންޓް ކުރޫޑްގެ އަގު %27 އަދި ގެ އަގު %35.6 އުފުލިފައިވާކަން ފާހަގަކުރެވެ އެވެ.
އޯ.ސީ.ބީ.ސީ ބޭންކުގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ މެނޭޖިންގް ޑިރެކްޓަރު ވަސޫ މެނަން ވިދާޅުވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުން އަލުން އާންމު ހާލަތަކަށް ނައިސް، ސަރަހައްދީ މަސްރަހު ފިނިނުވާނަމަ، ތެލުގެ އަގު އެއްދުވަހުން އަނެއްދުވަހަށް އުފުލެމުންދާނެ އެވެ.
ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން ތެޔޮ ބޭރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އިރާގާއި ކުވައިތުން މިހާރު ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފަށާފަ އެވެ. މީގެ އިތުރުން، ޔޫ.އޭ.އީ އާއި ސައުދީ އަރަބިއްޔާއިން ތެޔޮ ރައްކާކުރާނެ ޖާގަ ހުސްވަމުންދާތީ، އެ ގައުމުތަކުންވެސް ތެޔޮ އުފެއްދުން މަދުކުރަން ޖެހިދާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.
އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެމަގާމަށް އޭނާގެ ދަރިކަލުން މޮޖްތަބާ ޚާމަނާއީ އައްޔަންކުރުމަކީވެސް ތެލުގެ އަގަށް ނޭދެވޭ އަސަރުކުރި ކަމެކެވެ. މިއީ އީރާނުގެ ސިޔާސަތުތައް ހަރުކަށިކަންމަތީ ދެމިއޮންނާނެ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ. ރަކުޓެން ސެކިއުރިޓީޒްގެ އެނަލިސްޓް ސަޓޯރޫ ޔޮޝީދާ ވިދާޅުވި ގޮތުގައި، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެހެން ގައުމުތަކުގެ ތެޔޮ އުފައްދާ ވަސީލަތްތަކަށް ހަމަލާދީފާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު 130 ޑޮލަރަށްވުރެ މައްޗަށް އެރުން އެކަށީގެންވެ އެވެ.
ތެލުގެ އަގު މަތީގައި ހުންނާނެ ކަމުގެ ބިރު
ހަނގުރާމަ އަވަހަށް ނިމުނު ކަމުގައިވިޔަސް، ތެޔޮ އުފައްދާ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތަކާއި ސަލާމަތީ ނުރައްކާތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެތައް ހަފުތާއަކަށް ނުވަތަ މަސްތަކަކަށް މަތީގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
އިރާގުގެ ދެކުނުގެ ސަރަހައްދުތަކުން ތެޔޮ އުފައްދާ މިންވަރު މިހާރު ވަނީ 70 އިންސައްތަ ދަށްވެފަ އެވެ. އަދި ކުވައިތުންވެސް ވަނީ ތެޔޮ ބޭރުކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން "ފޯސް މެޖޫއާ "ނުވަތަ ކޮންޓްރޯލުން ނެއްޓިފައިވާ ހާލަތެއް އިއުލާނުކޮށްފަ އެވެ.
މިދަނޑިވަޅުގައި، އެމެރިކާގެ ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމަރ ވަނީ، ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި އެމެރިކާގެ ސްޓްރެޓީޖިކް ރިޒާވުން ތެޔޮ ދޫކުރުމަށް ރައީސް ޓްރަމްޕަށް ގޮވާލައްވާފަ އެވެ. ޝޫމަރ ވިދާޅުވީ، ޓްރަމްޕްގެ "ޒިންމާދާރުކަން ކުޑަ" ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އާއިލާތަކަށް ކުރިމަތިވަމުންދާ ތެލުގެ އަގުގެ ތަކުލީފުތަކުން ސަލާމަތްވުމަށްޓަކައި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

